ސައޫދީ ޕްރޯ ލީގުގައި އަލް ފައިސަލީގެ ދަނޑުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، އަލް ނަސްރުން ތާވަލުގެ އެއްވަނައިގައި އޮތް އަލް ގާދިސިއްޔާއާ ޕޮއިންޓުގެ ގޮތުން ވަގުތީ ގޮތުން ހަމަހަމަކޮށްފިއެވެ.
މި މެޗުގައި އަލް ނަސްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޖެހި 982 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ކޯޗު އެންޖީ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަލް ނަސްރަށް މި މެޗުގައި ފުރަތަމަ ލީޑު ނަގައިދިނީ އަބްދުﷲ އަލް ހަމްދާންއެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އޭރިއާގެ އަރިމަތީގައި ހުރެފައި ކަނާތު ފައިން ފޮނުވާލި ރީތި ހަމަލާއަކުން އޭނާ މި ލަނޑު ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
އަލް ނަސްރުން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައެވެ. ޕޯޗުގަލްގެ ޔާއޯ ފެލިކްސް ހިލޭ ޖެހުމަކުން ނަގައިދިން މޮޅު ބޯޅަ، ގޯލުގެ ތެރެއަށް ބޮލުން ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އޭނާގެ ގައުމީ ޓީމުގެ ބައިވެރިޔާ ރޮނާލްޑޯއެވެ.
True leader ©️ https://t.co/dwZvvZikuS
— Roshn Saudi League (@SPL_EN) October 23, 2026
ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޔުވެންޓަސްގެ ކުރީގެ ތަރި ރޮނާލްޑޯ މި މެޗުގައި އޭގެ ފަހުން އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމައިފައެވެ. އަލް ފައިސަލީން އުއްމީދު އާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތިއޯ ބޮންގޮންޑާ ގާތުން ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ.
މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް އަލް ނަސްރުން ވަނީ ތިންވަނަ ލަނޑު ޖަހައި އެ ޓީމުގެ މޮޅު ކަށަވަރުކޮށްފައެވެ. މި ލަނޑަކީ ރޮނާލްޑޯ ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް، އަލް ހަމްދާން މޭމަތިން ކޮންޓްރޯލްކޮށްލުމަށްފަހު ދިން ފުރުސަތަކުން އެންޖެލޯ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު އަލް ނަސްރު ތާވަލުގެ ކުރީގައި އެއްވަރުވި ނަމަވެސް، އަލް ނަސްރަށް ވުރެ އެއް މެޗު މަދުން ކުޅެ ޖެހި ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ އަލް ގާދިސިއްޔާއެވެ. އަލުން ތިން ޕޮއިންޓުގެ ލީޑެއް ހޯދުމުގެ އަމާޒުގައި އަލް ގާދިސިއްޔާ ހުކުރު ދުވަހުގެ ފަހުން ނުކުންނާނީ އަލް ހިލާލާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ އަލް ހިލާލަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!