ރޭ ދަންވަރުން ފެށިގެން ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، ފިޔޯރީއަށް ވާރޭވެހެން ފަށާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު އެވެ. އަދި އޭގެ ފަހުން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެނުގެ އަސަރު ކޮށްފައެވެ.

Ad
rt

މި ވިއްސާރައިގައި ރަށުގެ ގިނަ ގެތަކަކަށް ފެން ވަދެފައި ވީނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި މިހާތަނަށް އައިއިރު ގެތަކުން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

ފެންބޮޑުވުމާ ގުޅިގެން މިވަގުތު ރަށުގައި އެޅެމުންދާ ފިޔަވަޅުތަކަށް ބަލާއިރު، މަގުތަކާއި ގޯތިތެރޭގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ފެން ހިންދުމުގެ އަމަލީ މަސައްކަތްތައް މިވަގުތު ކުރިއަށް ގެންދަނީ ފިޔޯރީ ރަށު ކައުންސިލުންނެވެ.

މީގެއިތުރުން، އެ ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި މި ހާލަތުގައި ރަށުގެ ކަންކަން މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ފިޔޯރީ ކައުންސިލާ ގުޅިގެން ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، މި ހާދިސާގެ ސަބަބުން އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވެސް ރަށު ކައުންސިލާ ގުޅިގެން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައެވެ.