ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑުން ފަހަތުގައި އޮއްވައި، ފަހަތުން އަރައި 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ 18 އަހަރުގެ ކުޅުންތެރިޔާ ރިއޯ އެންގުމޯހާ މޮޅު ކުޅުމެއް ދައްކައިފިއެވެ.
މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދި ތިންވަނަ މޮޅެވެ.
މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ ހަލުވި އަދި މޮޅު ކުޅުމެއް ދެއްކި އެންގުމޯހާ ވަނީ ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ރޮނާލްޑް އަރައުހޯ، އެލެކްސިސް މެކް އަލިސްޓާ އަދި ފްލޯރިއަން ވާޓްޒް ޖެހި ލަނޑުތަކަށް އެހީތެރިވެދީފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި އެންގުމޯހާ ބަދަލުކުރި ވަގުތު ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވި އޭނާއަށް ހޫނު ތަރުހީބެއް ދީފައެވެ. މެޗަށްފަހު އެމެޒޯން ޕްރައިމްއަށް ވާހަކަދައްކަމުން އެންގުމޯހާ ބުނީ މިއީ އޭނާގެ ކުރު ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު އެއް މެޗު ކަމަށެވެ. އަދި އޭނާ ވަރަށް އުފަލާއެކު ކުޅުނުއިރު މުޅި ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށާއި، ބޯޅަ ލިބުމުން ކުރިމަތިލާން ޖެހޭ ވަގުތުތަކުގައި އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ދުނިޔޭގެ އެންމެ މޮޅު ސަޕޯޓަރުން އޭނާގެ ނަމުން ގޮވާ އަޑު އިވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
މި މެޗުގައި ދެ ލަނޑު ޖަހައި ލިވަޕޫލް އަނބުރާ މެޗުގެ ތެރެއަށް ގެނައުމުގައި އިސް ދައުރެއް އަދާކުރި މެކް އަލިސްޓާ ވެސް ވަނީ މެޗުގެ ހުރިހާ ތައުރީފެއް އެންގުމޯހާއަށް ދީފައެވެ. މެކް އަލިސްޓާ ބުނީ އެންގުމޯހާގެ ކުޅުން ވަރަށް ފުރިހަމަ ކަމަށާއި، މެޗުގެ ތަފާތަކަށްވީ އޭނާ ކަމަށެވެ. އަދި އޭނާގެ ހުނަރު އެންމެންނަށްވެސް އެނގޭ ކަމަށާއި، ބޯޅަ ނެތް ވަގުތުތަކުގައިވެސް އޭނާ ޓީމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް މެކް އަލިސްޓާ ފާހަގަކުރިއެވެ.
އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ތިން މެޗު ކުޅެދީފައިވާ އެންގުމޯހާ އެންމެ ފުރަތަމަ ވިދާލީ ނިމިދިޔަ ސީޒަނުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭނާގެ 17 ވަނަ އުފަންދުވަހަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ލަނޑު ޖަހައި 3-2 އިން ޓީމު މޮޅުކޮށްދިނުމާއެކު، އޭނާ ވެގެންދިޔައީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ވިލަރެއާލް މެޗާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ލަނޑެއް ޖަހައިދިން ނުވަތަ ލަނޑު ޖަހަން އެހީތެރިވެދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދައިފައެވެ. ނަމަވެސް، މިފަދަ ރެކޯޑުތައް މުގުރާލުމަށްވުރެ މުހިންމީ ޓީމު މޮޅުވުން ކަމަށް އޭނާ ބުންޏެވެ.
ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ ބުނީ އެންގުމޯހާ ދައްކަމުންދާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ރަނގަޅުކުރަން އަންގާ ކަންކަން އިސްލާހުކުރުމަށް އޭނާ ވަރަށް މަސައްކަތްކުރާ ކަމަށެވެ. އަދި އޭނާ މިހާރު ކަނާތު ފިޔައިން ގިނައިން ކުޅޭއިރު އެ މަގާމަށް ވަރަށް ފުރިހަމައަށް ހޭނި، އެތެރެއަށް ވަދެގެން ކުޅެމުންދާ ކަމަށްވެސް ކޯޗު ބުންޏެވެ. މީގެއިތުރުން ފުރަތަމަ ހާފުގައި ޑިފެންސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ދެވަނަ ހާފުގައި އެކަން ރަނގަޅުކުރި ކަމަށާއި، އަދިވެސް އޭނާއަކީ އެންމެ 18 އަހަރުގެ ކުޅުންތެރިއެއް ކަމުން އިތުރަށް ފުރިހަމަ ކުޅުންތެރިއަކަށް ވަމުން އަންނަ ކަމަށް އިރައޯލާ ފާހަގަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!