ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ރޭ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން މިހާތަނަށް އަށް ރަށެއްގެ ސެންޓަރު މަސައްކަތް މުޅިން ނިމިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އިއުލާނު ވެސް ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްތަކުގައި ވެސް މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަސީލަތް ގާއިމުކުރުމުގެ ތަސައްވުރާ ގުޅޭގޮތުން ވަޒީރު ރާފިޢު ވިދާޅުވީ، "އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން،" ކަމަށެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ގިނަ މަޝްރޫއުތަކެއް މިވަގުތު ކުރިއަށްދިޔަ ނަމަވެސް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި ސިޔާސަތުގެ ދަށުން، ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މިފަދަ ސެންޓަރުތައް ގާއިމުކުރާނެއެވެ. މީގެއިތުރުން، ކުރިން އަޅާނުލެވި ހުރި ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުގައި ގާއިމުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
"އަހާ" ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!