އީރާނުގެ އާ ދިފާޢީ ވަޒީރުގެ މަޤާމަށް މެހްރުދާދް އަޚްލާޤީ ކެތާބްޗީ އައްޔަންކުރުމަށް އެ ޤައުމުގެ މަޖިލީހުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ.

އީރާންގެ ދަޢުލަތުގެ މީޑިއާ އައިއާރުއައިބީ އިން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޖިލީހުގެ ޖަލްސާގައި، އަޚްލާޤީއަށް ރުހުން ދިނުމަށް 237 މެންބަރުން ވޯޓު ދެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 15 މެންބަރުން ކަމަށެވެ. ޖުމްލަ 277 މެންބަރުން ވޯޓުގައި ބައިވެރިވި މި ޖަލްސާގައި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.

Ad
rt

މަޖިލީހުގެ މެންބަރުން އަޚްލާޤީ އައްޔަންކުރުމަށް ރުހުން ދެއްވީ، ދިފާޢީ ވުޒާރާއާ ގުޅޭގޮތުން އޭނާ ހުށަހެޅުއްވި ޕްލޭންތައް ދިރާސާކުރުމަށާއި، ތާއީދުކުރާ އަދި ދެކޮޅު ހަދާ މެންބަރުންގެ ބަހުސްތަކަށް ފަހުގައެވެ. އޭނާ މި މަޤާމާ ހަވާލުވެވަޑައިގަންނަވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގައި އަވަހާރަވި ޢަޒީޒް ނަޞީރުޒާދާގެ ބަދަލުގައެވެ. ނަޞީރުޒާދާ އަވަހާރަވުމާ ގުޅިގެން ވަގުތީ ގޮތުން ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދެވީ މަޖީދު އިބްނު އަލްރިޟާއެވެ.

މަޤާމަށް އައްޔަންކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އަޚްލާޤީ ވިދާޅުވީ، އާންމުކޮށް "މަދާ އޮފް އޯލް ބޮމްބްސް" ގެ ނަމުން މަޝްހޫރުވެފައިވާ ޖީބީޔޫ-43/ބީ މެސިވް އޯޑްނަންސް އެއާ ބްލާސްޓް ބޮން އެމެރިކާއިން ބޭނުންކޮށްފާނެ ކަމަށް ބަލައި އީރާނުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"އެފަދަ ކަމަކާ ކުރިމަތިލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވަނީ އަޅާފައި، އަދި އިތުބާރާއެކު އަޅުގަނޑުމެންގެ މަސައްކަތް މި ގެންދަނީ ކުރިއަށް،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވަމުން އާ ދިފާޢީ ވަޒީރު ވިދާޅުވީ، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން އެ ޤައުމުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެމަނިކުފާނު އެންމެ ބޮމެއް ވައްޓާލިޔަސް، މި ސަރަޙައްދުން ބޭރަށް އެމަނިކުފާނުގެ ސިފައިންގެ ތެރެއިން ކިތައް މީހުން އޮށޯވެގެން (މަރުވެގެން) ގެންދަންޖެހޭތޯ ބައްލަވަންވާނެ،" އެމެރިކާ ސިފައިން މަރުވެދާނެ ކަމަށް އިޝާރާތް ކުރައްވައި އަޚްލާޤީ ވިދާޅުވިއެވެ. އަދި އެމެރިކާއިން އެ ބާރުގަދަ ބޮން އެޅުމުން ދުރުހެލިވި އެއް ސަބަބަކީ އީރާނުގެ އަސްކަރީ ތައްޔާރީތައް ކަމަށާއި، އެމެރިކާގެ އިންޒާރުތައް ތަންފީޒުކޮށްފިނަމަ ނަތީޖާ ތަފާތުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ވޯޓުގެ ކުރިން މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން އަޚްލާޤީ ވަނީ، އެމެރިކާއާއި އިސްރާއީލުން އިތުރު ހަމަލާއެއް ދީފިނަމަ އީރާނުން ދޭނެ ރައްދު ވާނީ "ހައިރާންކުރުވަނިވި އަދި ވަރަށް ފުޅާ" ރައްދަކަށް ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އަލުން އަސްކަރީ ހަރަކާތެއް ހިންގައިފިނަމަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ނުކުންނަ ހުރިހާ ނަތީޖާއެއްގެ ޒިންމާ އުފުލަންޖެހޭނީ ވޮޝިންޓަނާއި އެ ޤައުމުގެ ބައިވެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޚްލާޤީ އިތުރަށް ވިދާޅުވީ އޭނާ އަކީ ފާއިތުވި 35 އަހަރު ދުޝްމަނުންގެ "އަވަހާރަކޮށްލަން ބޭނުންވާ މީހުންގެ ލިސްޓުގައި" އޮތް ބޭފުޅެއް ކަމަށެވެ. އަދި އީރާނުން "ރެސިސްޓެންސް ފްރަންޓް" ގެ ގޮތުގައި ސިފަކުރާ ސަރަޙައްދީ ބައިވެރި ޖަމާޢަތްތަކުގެ ވިއުގަ އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ދިފާޢީ ވުޒާރާގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އީރާނުގެ ޞިނާޢީ ނެޓްވޯކް މެދުވެރިކޮށް އަސްކަރީ އުފެއްދުންތައް އިތުރުކުރުމަށާއި، ދިރާސާކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމުގެ އިތުރުން ބަދަލުވަމުންދާ ސަލާމަތީ ނުރައްކާތަކާ ގުޅޭގޮތަށް ވުޒާރާ އަލުން އެކުލަވާލުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިފާޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ އަޚްލާޤީ މީގެ ކުރިން ވަނީ އީރާނުގެ އެއިރޯސްޕޭސް އިންޑަސްޓްރީސް އޯގަނައިޒޭޝަންގެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި އީރާނުގެ މިސައިލް ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާތީ އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.