ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި، ހުއްދަނެތި އެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކަނޑު އުޅަނދުފަހަރަށް ހަމަލާދީ އަންދާލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މަނާ ސަރަހައްދުތަކުން ދަތުރުކުރަން އުޅޭ އަދި އީރާނުގެ އެންގުންތަކާ ހިލާފުވާ އުޅަނދުފަހަރަކީ އަސްކަރީ ގޮތުން ހަމަލާދީ ނައްތާލެވޭނެ އަމާޒުތަކެކެވެ.

Ad
rt

އީރާނުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ފޯ ކޯޑިނޭޝަން ހަބީބުއްލާ ސައްޔާރީ ބުރާސްފަތި ދުވަހު އަސްކަރިއްޔާގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި މިހާރު ވަނީ އެއްކޮށް ބަންދުކޮށްފައި ކަމަށެވެ. އަދި އެ ކަނޑުއޮޅީގެ ހުޅަނގު ފަރާތުގެ ސަރަހައްދު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކަނޑުގެ ބާރުތަކުން ފުރިހަމައަށް ކޮންޓްރޯލް ކުރަމުންދާއިރު، އިރުމަތީ ފަރާތާއި އޮމާން ކަނޑުގެ އުތުރާ ހަމައަށް ފުރިހަމަ ބާރު ހިންގަމުން ގެންދަނީ އީރާނު އަސްކަރިއްޔާގެ ކަނޑުގެ ސިފައިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅީގެ އިރުމަތީގައިވާ "މަނާ ސަރަހައްދު" ހުރަސްކުރަން އުޅުނު ގަވާއިދާ ހިލާފު ތެޔޮ ޓޭންކަރެއްގައި ރޯވެފައިވަނިކޮށް ބުރާސްފަތި ދުވަހު ވަނީ ފެނިފައެވެ. އެ އުޅަނދަކީ ޓްރެކިން ސިސްޓަމްތައް ނިއްވާލައިގެން މަނާ ސަރަހައްދުން ދަތުރުކުރަން އުޅުނު އުޅަނދެއް ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. މީގެއިތުރުން، ހަމަ އެ ސަރަހައްދު ހުރަސްކުރަން އުޅެނިކޮށް ގެއްލުންތަކެއް ލިބި، އަލިފާން ރޯވި އެހެން ތެޔޮ ޓޭންކަރެއް އަންގާރަ ދުވަހު ވެސް މޮނިޓަރިން ޓީމުތަކަށް ފާހަގަކުރެވިފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.

އީރާނުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކުރީ، އީރާނުގެ ސަރަހައްދަށް އިޒްރޭލާއި އެމެރިކާއިން ގުޅިގެން ދިން ހަމަލާތަކާ ގުޅިގެން، އެ ދެ ގައުމަށް ނިސްބަތްވާ ނުވަތަ އެ ދެ ގައުމާ ގުޅުންހުރި އުޅަނދުތައް އެ ސަރަހައްދުން ދަތުރުކުރުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މަނާކުރުމަށް ފަހުގައެވެ. އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ހިނގާ މަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ކަނޑުތަކުގައި 22 އުޅަނދަކަށް ވަނީ ހަމަލާތަކާއި އެކި ހާދިސާތައް ކުރިމަތިވެފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނީ އަރަބި ކަނޑާއި އޮމާން ކަނޑުގެ އިތުރުން ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުތަކަށް އޮޕަރޭޝަނަލް ޔުނިޓްތައް ނެރެ، ދުޝްމަނުންގެ ހަރަކާތްތަކާއި އުޅަނދުތަކުގެ ދަތުރުތައް ވަގުތުން ވަގުތަށް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ އިލެކްޓްރޯނިކް ޓްރެކިން ނިއްވާނުލުމަށާއި، ރައްކާތެރިކަމާއެކު ދަތުރުކުރުމަށްޓަކައި އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ހުއްދަ ހޯދައިގެން ކުރިއަށްދިއުމަށް ވަނީ އަންގާފައެވެ. އައިއާރްޖީސީން ހާމަކުރި ގޮތުގައި ހުއްދަނެތި ވަނުމާއި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ނިއްވާލާ އުޅަނދުތަކަށް ވަގުތުން އަސްކަރީ ހަމަލާތައް އަމާޒުވާނެއެވެ.

ދުނިޔޭގެ ތެލުގެ 20 އިންސައްތައާއި ގުދުރަތީ ގޭސް (އެލްއެންޖީ) އަދި ގިނަ އަދަދެއްގެ މުދާ އުފުލާ މި މުހިންމު ކަނޑުއޮޅި ބަންދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޮޑެތި ބުރޫއަރައި، މެރިން އިންޝުއަރެންސްގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި މެދުއިރުމަތީގެ ވިޔަފާރި މަގުތަކުގައި މުދާ ދައުރުވުން ލަސްވެފައިވާއިރު، ބޭރުގެ ކަނޑުގެ އަސްކަރިއްޔާތަކާއި ބައިނަލްއަގުވާމީ މެރިޓައިމް ސެކިއުރިޓީ އިދާރާތަކުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އިންތިހާއަށް ސަމާލުވެ، ޓްރެކިން ސިސްޓަމްތައް ހުޅުވާފައި ބެހެއްޓުމަށް އިލްތިމާސްކުރަމުންނެވެ.