ސިނަމާލެ ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި، އެ ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު ކަމަށެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލެއް ބާރު ސްޕީޑުގައި ދިއުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެންނެވެ.

ކޮންޓްރޯލުން ނެއްޓިގެން ދިޔަ ސައިކަލު ގޮސް ޖެހުނީ ބްރިޖު ހައިވޭގައި އެ ވަގުތު ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައެވެ. މި ހާދިސާގައި އެ ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ފުލުސް މީހާގެ ގައިގައި ޖެހުނު އެ ސައިކަލު ވަނީ، އެ ވަގުތު އެ ސަރަހައްދުގައި ޑިއުޓީގައި ދެން ތިބި ފުލުހުން ނުކުމެ ހުއްޓުވާފައެވެ.