"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް ވޯޓުލާން ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

Ad
rt

މި މަޝްރޫޢުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 14 ގައެވެ. އަދި އެ މުއްދަތު މިދިޔަ މަހުގެ 24 ވަނަ ދުވަހަށް ހަމަވި އިރު، މުބާރާތަށް ޖުމްލަ 22 ލޯގޯއެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، މުބާރާތަށް ހުށަހެޅި ލޯގޯތައް ފަނޑިޔާރުން އިވެލުއޭޓް ކުރުމަށްފަހު އޭގެ ތެރެއިން 10 ލޯގޯއެއް މިހާރު ޝޯޓުލިސްޓު ކޮށްފައިވާ ކަމަށެވެ. އަދި އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި 10 ލޯގޯގެ މެދުގައެވެ.

ޝޯޓުލިސްޓު ކުރެވުނު ލޯގޯތަކަށް ވޯޓު ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 00:00 އާ ހަމައަށެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށްޓަކައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހި މުޖުތަމަޢުގެ ތެރެއިން ގެއްލެމުންދާ އިޙްތިރާމްކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމުގެ މަޤްޞަދުގައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފެއްޓެވުމަށް ނިންމަވައި، އެ މަސައްކަތްތައް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.

މި މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ދާއިރާގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް ވަނީ އުފައްދާފައެވެ. މީގެއިތުރުން މި ކެމްޕޭނުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކުގެ ތެރެއިން 34 މީޑިއާއަކުން މިހާތަނަށް ވަނީ ބައިވެރިވެފައެވެ.