ކޮލަމްބިއާގެ އެމްބަސީ ޤުދްސުގައި ހުޅުވުމަށް އެ ޤައުމުން ނިންމި ނިންމުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފު، އަދި ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއް ކަމަށް ބުނެ، ސައޫދީ އަރަބިއްޔާ އާއި އަރަބި އަދި އިސްލާމީ 18 ޤައުމެއްގެ ޚާރިޖީ ވަޒީރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
ހުކުރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި އެ ވަޒީރުން ވަނީ ކޮލަމްބިއާގެ މި ނިންމުމާ އެއްވެސް ޝަރުތެއް ނެތި ދެކޮޅުހަދައި، އެކަން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ހިފާފައިވާ ޤުދްސުގެ ޤާނޫނީ ނުވަތަ ތާރީޚީ ޙައިޘިއްޔަތު ބަދަލުކުރުމަށް، ނުވަތަ އެއީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ކުރާ އެއްވެސް މަސައްކަތަކީ ބާޠިލު އަދި އެއްވެސް ޤާނޫނީ ބުރަދަނެއް ނެތް ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ބަޔާން ނެރުއްވާފައި ވަނީ ސައޫދީ އަރަބިއްޔާ، ފަލަސްޠީން، އުރުދުނު، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، އަލްޖީރިއާ، ޖިބޫތީ، ސޫދާން، ސޫރިއާ، ސޯމާލިއާ، އޮމާން، ޤަޠަރު، ކުވެއިތު، ލުބުނާން، ލީބިޔާ، މެލޭޝިއާ، މިސްރު އަދި ޔަމަނުގެ ޚާރިޖީ ވަޒީރުންނެވެ.
ވަޒީރުން ވިދާޅުވީ، ކޮލަމްބިއާގެ މި ނިންމުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކަމާގުޅޭ ޤަރާރުތަކާ ޚިލާފު ކަމެއް ކަމަށާއި، ދެ ދައުލަތުގެ ޙައްލުގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން، 1980 ވަނަ އަހަރު ފާސްކުރި އދ. ގެ ސަލާމަތީ މަޖިލީހުގެ 476 އަދި 478 ވަނަ ޤަރާރަށް ވަޒީރުން ޚާއްޞަ ގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. މި ޤަރާރުތަކަކީ ޤުދްސުގެ ޙައިޘިއްޔަތާއި ޠަބީޢަތް ބަދަލުކުރުމަށް ކުރާ މަސައްކަތްތައް ބަލައިނުގަތުމަށާއި، އެ ސިޓީގައި ހުރި ޑިޕްލޮމެޓިކް މިޝަންތައް ބޭރުކުރުމަށް ޤައުމުތަކަށް ގޮވާލާފައިވާ ޤަރާރުތަކެކެވެ.
މީގެއިތުރުން، 1967 ވަނަ އަހަރު އިސްރާއީލުން ވެރިވެގަތް ފަލަސްޠީނުގެ ބިންތަކުގެ ތެރޭގައި ޤުދްސް ހިމެނޭ ކަމަށާއި، އެ ސިޓީގެ ޙައިޘިއްޔަތު ބަދަލުކުރުމަށް އެއްފަރާތުން ނިންމާ އެއްވެސް ނިންމުމަކަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެއްވެސް ޞައްޙަކަމެއް ލިބިގެން ނުވާނެ ކަމަށްވެސް އެ ބަޔާނުގައި އަލުން ކަށަވަރުކޮށްދެއްވިއެވެ.
ޚާރިޖީ ވަޒީރުން ވަނީ ކޮލަމްބިއާ ސަރުކާރުން އެ ޤައުމުގެ ނިންމުން އަލުން މުރާޖަޢާކޮށް ބަދަލުކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އެ ޤައުމުގެ މައްޗަށް ލާޒިމުވާ ކަންކަމަށް އިޙްތިރާމްކުރުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބާރުއަޅުއްވައި، އިރުމަތީ ޤުދްސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤަށް އެ ޤައުމުތަކުން ތާއީދުކުރާކަން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!