ހދ. ކުޅުދުއްފުށި ސިޓީގެ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ކަމަށެވެ. މީގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާ އާއި ކުޑަކުއްޖާ ދަތުރުކޮށްފައިވަނީ އެއް ސައިކަލުގައެވެ. އަދި އަނިޔާވި އަންހެން މީހާ އިނީ އަނެއް ސައިކަލުގައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ، އަންހެން މީހާގެ ފައި ބިނދި، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން ފިރިހެން މީހާގެ ބޯފަޅައިގެން ގޮސް ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު، 17 އަހަރުގެ ކުޑަކުއްޖާގެ ވާތު ފަޔަށް ތަދުވެ ކަށިމަތި ވަނީ މަށައިގެން ގޮސްފައެވެ.
މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ އަންހެން މީހާ ދުއްވި ސައިކަލު ޔޫޓާނެއް ނަގަން އުޅުމުގެ ތެރޭގައި ފިރިހެން މީހާ ބާރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނާއި ކުޑަކުއްޖާ ވެސް ވަގުތުން ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!