ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގެ ޑިރް ކޮލޮނީ ސަރަހައްދުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި، މަދުވެގެން 18 ދަރިވަރުންނާއި އަންހެން ޓީޗަރަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި ހުރިހާ ދަރިވަރުންނަކީ ވެސް އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ.
ހާދިސާ ހިނގުމާ އެކު ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް ޓީމުތަކާއި، ފުލުހުން އަދި ރެސްކިއު 1122 ގެ އޮފިޝަލުން އާންމުންނާ ގުޅިގެން ވަނީ ކުނިބުނިތައް ނެގުމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފައެވެ. ގިނަ އަދަދެއްގެ ދަރިވަރުންނާއި މުވައްޒަފުން އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުގައި ބޮޑެތި މެޝިނަރީތައް ބޭނުންކޮށްގެން ހިންގާ ރެސްކިއު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ. އެ ސަރަހައްދުން ލިބޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު 21 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، މައިގަނޑު ގޮތެއްގައި ގިނަ އަދަދެއްގެ ކުދިން ގެންގޮސްފައިވަނީ ލޭޑީ ރީޑިންގ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ޒަޚަމްވި ބައެއް ކުދިންގެ ހާލު ސީރިއަސްވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ބިރު އެބައޮތް ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
މި ހާދިސާ އާއި ގުޅިގެން ޕެޝާވަރުގެ ޕޮލިސް ޗީފް ސައީދު އަހުމަދު ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން ސްކޫލުގެ ވެރިފަރާތް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި ސިޓީގެ ކަމާބެހޭ އިދާރާތަކުން ހެދި ފުރަތަމަ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެ އިމާރާތަކީ އޮނިގަނޑުގެ ގޮތުން ނާޒުކު އަދި ބަލިކަށި އިމާރާތެކެވެ. ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކޮށްފައިވޭތޯ ބެލުމުގެ ތަހުގީގެއް މިހާރު ދަނީ ހިންގަމުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވައި، އަނިޔާވި އެންމެންނަށް އެންމެ ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!