ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ.

Ad
rt

ފުލުހުން ވިދާޅުވީ، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސޯސަންވިލާ / ޅ. ނައިފަރު، ޙަސަން ހުޝާމު (35އ) އަދި ކަދުވަލުގެ / ޅ. ނައިފަރު، އާދަމް ނަޞީރު (32އ) އެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ އޮޅުވެލިފުށީގައެވެ. އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ޝެހެނާޒްގެ / ޅ. އޮޅުވެލިފުށި، މުޙައްމަދު އަފްރާޙް (28އ) އެވެ. އޭނާ އެ ރަށު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ހުޝާމު އަދި އާދަމް ނަޞީރު ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި މުޙައްމަދު އަފްރާޙް 8 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.