ސަރުކާރުގެ އަމާޒަކީ ވަކި އެކަށައެޅިފައިވާ ބާވަތްތަކުގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު ހަނދާންކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދަނޑުވެރިންނާއި، ދަނޑުވެރި ޢާއިލާތަކުގެ އިތުރުން މި ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.