އެމެރިކާއާއި އިސްރާއީލުގައި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން، އީރާނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފެށުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޝްވަރާކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޚަބަރު ފަތުރާ މަސްދަރެއް ކަމަށްވާ "އެކްސިއޮސް" އިންނެވެ.

Ad
rt

އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި މި މައްސަލައިގެ މަޢުލޫމާތު އެނގޭ އިތުރު މަސްދަރުތަކާ ހަވާލާދީ އެކްސިއޮސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ލީޑަރުންގެ މެދުގައި މި މަޝްވަރާތައް ހިނގާފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާނުދޭނެ ކަމަށް ޓްރަމްޕް ފާޅުގައި ވިދާޅުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ އީރާނުން އަލުން ނިއުކްލިއާ ޕްރޮގްރާމް ފަށައިގަތުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޔޫރޭނިއަމް މުއްސަނދިކުރުމަށް "ޕިކްއެކްސް މައުންޓެއިން" ސައިޓް ބޭނުންކުރަން ފަށާފައިވާ ކަމަށް ބެލެވޭ ކަމުގެ ޖާސޫސީ މަޢުލޫމާތު ޓްރަމްޕާ ހިއްސާކޮށްފައެވެ.

ނަމަވެސް، ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ދެ ލީޑަރުން ހަނގުރާމަ އަލުން ފެށުމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން ހަމަލާތައް ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް، މަޢުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، ޓްރަމްޕް މިކަމުގައި ވަކި ގޮތެއް ނުނިންމަވައި، ނަތަންޔާހޫ އަރިހުގައި ވިދާޅުވީ ވަކި ވައުދެއް ނުވެ ތައްޔާރީ ހާލަތުގައި ތިބުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޓްރަމްޕްގެ ނިންމެވުން ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ ކަމަށް ބަލައި، އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާ އޮތީ އެލާޓްގައެވެ. އަދި ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތަކަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދެ ޤައުމުގެ އަސްކަރިއްޔާއިންވެސް ދަނީ ނިންމަމުންނެވެ.

އެމެރިކާގެ އިސް ވެރިންގެ މެދުގައިވެސް މިކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ލީޑަޝިޕުން އީރާނަށް އަލުން ހަމަލާދިނުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންދާއިރު، އެމެރިކާ ރައީސްގެ ގިނަ މުޝީރުން ތާއީދުކުރައްވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިޤްތިޞާދީ ފިއްތުންތައް ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ހަނގުރާމައެއް ފެށިއްޖެނަމަ، އީރާނުން ދީފާނެ މިސައިލް ހަމަލާތަކާ ގުޅިގެން މި މަހުގެ 27 ގައި ބާއްވަން ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބު ފަސްކުރަން ޖެހިދާނެ ކަމަށް އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު، އެމެރިކާގެ ޖޮއިންޓް ޗީފްސް ޗެއާމަން ޖެނެރަލް ޑޭން ކެއިން އަރިހުގައި ވިދާޅުވެފައިވާ ކަމަށްވެސް ވެއެވެ. މި ދަނޑިވަޅުގައި، އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ކައުންޓާ ޕްރޮޕޯސަލަށް އީރާނުން ދޭނެ ޖަވާބަކަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރުން އަދިވެސް އިންތިޒާރުކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.