ށ. ފީވަކު ރޮލިގަންސް ޖަމުޢިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅުވާލައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މި މުބާރާތަކީ ފީވަކުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފައިސާގެ އިނާމުތަކާއެކު ބޭއްވޭ، އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. ރޮލިގަންސް ޖަމިއްޔާއިން ބުނި ގޮތުގައި، 15 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ 20 ޑިސެމްބަރު 2026 ގައެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ށ. ފީވަކު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޓީމުތަކަށް ހުޅުވާލެވިފައިވާއިރު، ޓީމުތަކުން ބައިވެރިވުމަށް ވަކި ޝަރުޠެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ވާދަކުރާ ކޮންމެ ޓީމެއްގެ ޓީމު މެނޭޖަރަކަށް ހުންނަންވާނީ ށ. ފީވަކަށް ނިސްބަތްވާ ފަރާތެއް ނުވަތަ ފީވަކުގެ ރައްޔިތަކާ ކައިވެނިކޮށްގެން (އިނދެގެން) އުޅޭ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 2،000 (ދެހާސް) ރުފިޔާއެވެ. ރޮލިގަންސް ޖަމިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި، މުބާރާތުގައި ޓީމު ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ 20 އޮކްޓޯބަރު 2026 އެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 ނޮވެމްބަރު 2026 ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މި މުބާރާތުގައި ވަނަތަކަށް އަންނަ ޓީމުތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 20،000 (ވިހި ހާސް) ރުފިޔާއެވެ. މީގެއިތުރުން މުބާރާތުގެ ފެއަރޕްލޭ ޓީމަށް ޚާއްޞަ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 20 އޮކްޓޫބަރުގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. އަދި ބައިވެރިވުމުގެ ފީ ދައްކަންވާނީ ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓް ނަންބަރަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 9634754 (އަފްޒަލް) ނުވަތަ 9151884 (ޢަލީ ރިޝްވާން) އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.
- ޓީމު ރަޖިސްޓްރީކުރާ ފޯމު: https://forms.gle/fXt91MVaSMA76prt9
- މުބާރާތުގެ ޤަވާއިދު: https://l1nk.dev/xz8x9rb
- ރޮލިންގަންސްގެ ވެބްސައިޓް: https://roligans.org/dv/news/roligans-dhondhon-futsal-challenge-2026-iulaan
ރޮލިގަންސް ޖަމިއްޔާއިން ބުނީ، މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި އެ ޖަމިއްޔާއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޓީމުތަކުން ބައިވެރިވެ، މިއީ ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!