ޞިއްޙީ އެތައް މަންފާތަކެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ރާއްޖޭގައި އުފައްދާ އަދި ވިއްކާ ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ލެބޯޓަރީ ރިޕޯޓްތައް ބޭނުންކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތަށް ބޭނުންކުރަނީ އެ ތަކެތިން ޞިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ދޭހަވާ ގޮތަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ، ކާބޯތަކެތި އިޝްތިހާރުކުރުމުގައި، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލައިސިސް" އެއް، އަދި އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. މިއީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަމަށް އެ އޮތޯރިޓީން ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްޞަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް މާކެޓުކުރާ އުފެއްދުންތަކާ ގުޅިގެން، މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ވެސް އިރުޝާދު ދީފައިވާނެ ކަމަށް އެމްއެފްޑީއޭ އިން ފާހަގަކުރިއެވެ.
އެގޮތުން، ކާބޯތަކެތީގެ އެއްވެސް ބާވަތަކުން ޞިއްޙަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ ވެސް، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެއް ކަމުގައި އެ އޮތޯރިޓީން ބުނެފައިވެއެވެ.
ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ޞިއްޙީ މަޢުލޫމާތަކީ ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަށް ވާންޖެހޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ޞިއްޙީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް އެ އޮތޯރިޓީން ވަނީ ޢާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!