ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެއާބަސް މަރުކާގެ ދެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދުމަށް، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ.
އައިއޭއެސް އިން ބުނީ، އެ ކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ އެއާބަސް A220-300 މަރުކާރުގެ ދެ ބޯޓު ކަމަށެވެ. އެހެންކަމުން މި ބޯޓުތައް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ބޯޓުތައް ގެނައުމަށް ކަނޑައަޅާފައިވާ ތާވަލަށް ބަލާއިރު، ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓާގައި ގެނެސްދޭން ޖެހެ އެވެ. އަދި ދެ ވަނަ ބޯޓު 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ގެނެސްދޭން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެ އެވެ.
ރާއްޖޭން ބޭރުގެ ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް 2012 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަނުން ބޭނުންކުރަމުން އަންނަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ. ނަމަވެސް، ކުންފުނީގެ ފްލީޓް ޒަމާނީ ކުރުމުގެ ގޮތުން އެއާބަސް އޭ220 މަރުކާގެ ބޯޓުތަކަށް ބަދަލުކުރަން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި، މި އާ ބޯޓުތަކުގެ ސަބަބުން މަސައްކަތް އަވަސްވުމާއި ފުރިހަމަކަން އިތުރުވެގެންދާނެ އެވެ. އަދި އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް މީގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ގައުމީ އެއާލައިނުން މިހާރު ވެސް ރާއްޖޭގެ އެތެރޭގެ 18 މަންޒިލަކަށް ދަތުރުތައް ބާއްވަމުން ގެންދެ އެވެ. އެ އޮޕަރޭޝަންތަކުގައި މިހާރު ބޭނުންކުރަމުން އަންނަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި، އޭޓީއާރު 42-600 ގެ ތިން ބޯޓުގެ އިތުރުން ޑީއެޗްސީ-8-300 އަދި ޑީއެޗްސީ-8-200 މަރުކާގެ ހަތް ބޯޓެވެ.
މޯލްޑިވިއަނަށް އެއާބަސްގެ އާ މަރުކާރުގެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާންކުރިއިރު، އެ އެއާލައިނުން މިހާރު ބޭނުންކުރާ އޭ320 ގެ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓުގައި މިހާރު ވަނީ އޮސްޓްރޭލިއާއަށް ދަތުރުތައް ފަށައިފަ އެވެ.
އިންޑިއާ، އޮސްޓްރޭލިއާ، ޗައިނާގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 18 އެއާޕޯޓަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި ރިސޯޓުތަކުގެ އިތުރުން ބައެއް ރަށްތަކަށް ސީޕްލޭން ދަތުރުވެސް އެ ކުންފުނިން އަންނަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!