އިނގިރޭސި ޤައުމީ އަންހެން ޓީމުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އާސެނަލްގެ ފޯވާޑް އެލެސިއާ ރޫސޯ ކާމިޔާބުކޮށްފިއެވެ.

ސަޕޯޓަރުންގެ ވޯޓުން ހޮވި މި އެވޯޑު ރޫސޯ ހޯދީ ޗެލްސީގެ ޑިފެންޑަރު ލޫސީ ބްރޮންޒް އަދި ކީޕަރު ހަނާ ހެމްޕްޓަންއާ ވާދަކޮށެވެ. މިއީ އުމުރުން 27 އަހަރުގެ ރޫސޯ މި އެވޯޑު ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

Ad
rt

ރޫސޯ ވަނީ 2025-26 ސީޒަނުގައި އިނގިރޭސިވިލާތް ކުޅުނު 10 މެޗުގައިވެސް ބައިވެރިވެ، ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރެއިން ނުވަ މެޗެއްގައި އޭނާ ފުރަތަމަ އެގާރައިގައި ކުޅެފައިވާއިރު، 2027 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ހުރިހާ މެޗެއްވެސް ހިމެނެއެވެ. ވޯލްޑް ކަޕް ޕްލޭއޮފް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ގްރީސް އަތުން 3-1 އިން އިނގިރޭސިވިލާތް މޮޅުވި މެޗުގައިވެސް ރޫސޯ ވަނީ ލަނޑު ޖަހާފައެވެ.

އެވޯޑު ލިބުމާ ގުޅިގެން ރޫސޯ ބުނީ، ސަޕޯޓަރުންގެ ވޯޓުން މިފަދަ އެވޯޑެއް ލިބުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ޓީމުގެ ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ފާހަގަކޮށް، ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހު އިޢުލާންކުރި އަންހެނުންގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ތެރޭގައިވެސް ރޫސޯ ހިމެނެއެވެ. އެ ލިސްޓުގައި ހިމެނުނު އިނގިރޭސިވިލާތުގެ އަނެއް ކުޅުންތެރިޔަކީ އެލެކްސް ގްރީންވުޑް އެވެ.

އިނގިރޭސިވިލާތުގެ 15 އަހަރުން ދަށުގެ ޓީމުން ފެށިގެން ހުރިހާ އުމުރުފުރައެއް ތަމްސީލުކޮށްފައިވާ ރޫސޯ ވަނީ ޤައުމީ ޓީމަށް ކުޅެދިން 68 މެޗުގައި 31 ލަނޑު ޖަހާފައެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިނގިރޭސިވިލާތަށް ކާމިޔާބުކޮށްދިނުމުގައާއި އޭގެ ތިން އަހަރު ފަހުން އެ ތަށި ދިފާޢުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ވުމެންސް ސުޕަ ލީގުގެ މިދިޔަ ސީޒަނުގައި 13 ލަނޑު ޖަހައި ހަ އެސިސްޓް ހަދައިގެން އޭނާ ވެފައިވަނީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާއަށެވެ.