ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެ ލިބިއްޖެ އެވެ.
މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އިވެންޓެކެވެ.
ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން، ކުރިއަށްގެންދާ މި އިވެންޓަކީ، އެ ޖަމްޢިއްޔާއިން މުޅިން ހިލޭ ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު 11 އިން 13 އަށް ވައިކަރަދޫގައެވެ. މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި، ފްލައިބޯޑިންގ ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ އިންޓަނޭޝަނަލް ލައިސަންސް ލިބިފައިވާ ވައިރޮދި ޖަމްޢިއްޔާގެ އިންސްޓްރަކްޓަރުންނެވެ.
ވައިރޮދި ޖަމްޢިއްޔާގެ އެޑްވައިޒަރ އަދި އިވެންޓް މެނޭޖަރ ޙުސައިން ޙަލީމް (ރޮބޭ) "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ފުރަތަމަ ދެ ދުވަހު އޮންނާނީ މުޅިން އަލަށް މި ކުޅިވަރުގައި ބައިވެރިވާ ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ތަމްރީނު ސެޝަންތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ވޯޓަރ ސްޕޯޓްސްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ވޯޓަރ ސްޕޯޓްސްއާ ގުޅޭ ހުނަރުތައް ދަސްކޮށްދީ، މި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ރޮބޭ ވިދާޅުވިއެވެ.

މީގެއިތުރުން، ހަރަކާތުގެ ތިންވަނަ ދުވަހު ބައިވެރިންގެ މެދުގައި ވާދަވެރި މުބާރާތެއް ބޭއްވުމަށް ރާވާފައިވާކަމަށް އެ ޖަމްޢިއްޔާއިން މައުލޫމާތުދެއްވައެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ފުރަތަމަ ދެ ދުވަހުގެ ބޭއްވި ތަމްރީނުތަކުން ބައިވެރިންނަށް ދަސްވި ހުނަރުތަކާއި އުކުޅުތައް ޢަމަލީ ގޮތުން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައި ވައިރޮދި ޖަމްޢިއްޔާއިން ހާމަކުރައްވައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 8 އަހަރުން މަތީގެ ފަރާތްތަކަށެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިފަހަރުގެ "އުދުހިލާ" އިވެންޓުގައި ބައިވެރިވުމަށް އެދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، އެ އިވެންޓުން ލިބެން ހުރި ޖާގަތައް ވަކި މިންވަރަކަށް ލިމިޓްކުރުމަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން މިއަދު ވަނީ ހާމަކޮށްފައެވެ.
އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި މި އިވެންޓުން ލިބެން ހުރީ ވަރަށް މަދު ޖާގަތަކެކެވެ. އިވެންޓަށް އޮތް ޑިމާންޑު ބޮޑުވެ، ބައިވެރިވާން އެދޭ މީހުންގެ އަދަދު އިތުރުވުމަކީ ޖާގަ ކޮންޓްރޯލް ކުރަން ޖެހުނު މައިގަނޑު ސަބަބު ކަމަށް ވަނީ ބުނެފައެވެ. މި ހަރަކާތަށް އެންމެހައި ފަރާތްތަކުން ދެއްވަމުން ގެންދަވާ ބޮޑު ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތުން ވަނީ އިޚްލާޞްތެރިކަމާއެކު އެކަމަށް ޝުކުރު އަދާކޮށްފައެވެ. އިވެންޓަށް ލިބެމުންދާ ތަރުހީބަކީ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، މި ފަހަރު ޖާގަ ނުލިބޭ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް އިތުރު "އުދުހިލާ" އިވެންޓެއް އިންތިޒާމުކޮށްގެން ބޭއްވުމަށް އުންމީދުކުރާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އިވެންޓެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
ވައިރޮދި ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އިވެންޓުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 27 އޮކްޓޫބަރު 2026 އެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7949886 ނުވަތަ 7521155 ނަންބަރު ފޯނަށް ގުޅުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
2019 ވަނަ އަހަރު އުފެދިގެން އައި މި ޖަމްޢިއްޔާ ރަސްމީކޮށް ރަޖިސްޓްރީކުރީ 2026ވަނަ އަހަރެވެ. މި ޖަމްޢިއްޔާއިން އަންނަނީ ވައިކަރަދޫގައި ތަފާތު އެކިއެކި ވޯޓަރ ސްޕޯޓްސް ހަރަކާތްތައް މެދުކެނޑުމެއްނެތި ހިންގަމުންނެވެ. އެގޮތުން، މި ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ސާފިންގ ކޭމްޕެއް ބާއްވާފައިވާއިރު، އެކި އަހަރުތަކުގެ ޢީދުތަކާ ދިމާކޮށް ވެސް ފޯރިގަދަ ވޯޓަރ ސްޕޯޓްސް ހަރަކާތްތައް އެ ޖަމްޢިއްޔާއިން ވަނީ އިންތިޒާމުކޮށްފައެވެ.
ރަޝިޔާގެ މުބާރާތުގެ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން "ވައިރޮދި ނާއްޕެ" އަށް ފައިނަލުން 4 ވަނަ
މީގެއިތުރުން، ވައިރޮދި ޖަމްޢިއްޔާއިން އަންނަނީ ޤައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ވެސް ވާދަކޮށް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ވައިރޮދީގެ ނަމުގައި ރާރާ ޕްރޯގައި ވާދަކޮށް، ޖެހިޖެހިގެން ދެ އަހަރު އެ ޖަމްޢިއްޔާގެ އެތުލީޓުން ވަނީ 3 ވަނަ ހޯދާފައެވެ. އަދި ބ. ގޮއިދޫގައި ބޭއްވި ކައިޓްސާފިންގ މުބާރާތުގައި ވާދަކޮށް، ވައިކަރަދޫއަށް 2 ވަނަ ހޯދައިދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!