ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

Ad
rt

އެ ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ހަމައެކަނި މި ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 36 ޕަސެންޓު މަތީ އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އެހެނިހެން މުއާމަލާތްތަކުން ވަނީ 377.53 މިލިޔަން ރުފިޔާ ލިބިފައެވެ.

މާލީ ހިސާބުތަކުން ދައްކާގޮތުގައި، ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 ޕަސެންޓު އިތުރުވެ، ޖުމްލަ 42.36 ބިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ. ބީއެމްއެލުން ބުނީ މިއީ ލޯނު ދޫކުރުމުގެ ގާބިލުކަން އިތުރުވެގެންދިޔަ މައިގަނޑު ސަބަބު ކަމަށެވެ. އެގޮތުން، މިދިޔަ ސެޕްޓެންބަރު މަހުގެ 30 ގެ ނިޔަލަށް އެ ބޭންކުން ވަނީ 12.1 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލައަށް ވުރެވެސް ބޮޑުތަނުން މަތީ އަދަދެކެވެ.

ލޯނު ދޫކުރުމުގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ ރާއްޖޭގެ އިގްތިސޯދީ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ދޫކުރި ލޯނުތަކާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 38 ޕަސެންޓުގައި ހުރިއިރު، މިއީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓަށްވުރެ ތިންގުނަ މަތީ އަދަދެކެވެ. ހަމައެއާއެކު، ހިންގުމުގެ ހަރަދުތައް ކުޑަކުރެވި، ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ސަރަހައްދީ ފެންވަރުގެ ވަރުގަދަ މިންގަނޑެއް ކަމަށްވާ 28 ޕަސެންޓުގައި ހިފެހެއްޓިފައެވެ.

ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިޔަން ޑޮލަރު ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 31 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރަކީ ބޭންކުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. ކާޑު މެޝިނުން ކުރާ ކޮންމެ މުއާމަލާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އެހީވެދޭ "އީއެންވީ ޕޮސް" ތައާރަފުކުރުމަށް ބޭއްވި ހަފުލާގައިވެސް އޭނާ ވަނީ، ބޭންކުގެ ރައުސްމާލާއި ފައިސާގެ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރު ބޮޑުވުމަކީ ލޯނުތައް ފުޅާވެ، ބެލެންސް ޝީޓް މެދުކެނޑުމެއްނެތި ކުރިއަރަމުންދާ މައިގަނޑު އަސާސްކަން ފާހަގަކުރައްވާފައެވެ.