އަޒަރުބައިޖާނުގެ ސަރުކާރު ސްކޫލުތަކުގައި ސެކިއުލާ ހެދުމުގެ ހަރުކަށި ގަވާއިދެއް ތަންފީޒުކޮށް، ދަރިވަރުން ބުރުގާ އެޅުން އަމަލީ ގޮތުން މަނާކުރުމާ ގުޅިގެން އެ ގައުމުގެ އާންމުންނާއި ދީނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އިހުތިޖާޖުތައް ފެށިއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުން ލާޒިމުކޮށް، އާންމު ތައުލީމުގައި ސެކިއުލަރިޒަމްގެ އުސޫލުތަކާ ހިލާފުވާ ހެދުން އެޅުން މަނާކުރާ ގަވާއިދެއް ފާސްކޮށްފައެވެ. މި ގަވާއިދުގެ ރަސްމީ ލިޔުމުގައި ސީދާ "ހިޖާބު" ނުވަތަ "ބުރުގާ" މި ލަފްޒު ބޭނުންކޮށްފައި ނުވި ނަމަވެސް، ސްކޫލުތަކުގެ އިދާރާތަކުން ދަނީ މި އުސޫލުގެ ދަށުން ބުރުގާ އަޅާ އަންހެން ދަރިވަރުން ސްކޫލުތަކަށް ވަނުމާއި ކްލާސްތަކުގައި ބައިވެރިވުން ހުއްޓުވަމުންނެވެ.

Ad
rt

މި ނިންމުމާ ގުޅިގެން ސުމްގައިތާއި އެހެނިހެން ސަރަހައްދުތަކުގެ ސަރުކާރު ސްކޫލުތަކުގެ ގޭޓުތަކުން ބުރުގާ އަޅައިގެން ތިބި އަންހެން ކުދިން އަނބުރާ ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މިއާއެކު އާންމުންނާއި، ދީނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި އަދި އިސް ބޭފުޅުންގެ ފަރާތުން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވާން ފަށައިފައެވެ.

މި ގަވާއިދުގެ ސަބަބުން ދަރިވަރުންނަށް ސްކޫލަށް ނުވަދެވޭ މައްސަލައިގައި އަސަރުކުރި ބައެއް އާއިލާތަކުން ވެސް ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ގަރަބާޣް ހަނގުރާމައިގެ ޝަހީދެއްގެ އަންހެން ދަރިފުޅު ސްކޫލަށް ނުވެއްދުމުން އެ ކުއްޖާ ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ. މީގެ އިތުރުން، ދެވަނަ ގަރަބާޣް ހަނގުރާމައިގައި އެއް އަތް ގެއްލިފައިވާ ވެޓެރަނެއްގެ ދަރިފުޅު ވެސް ސްކޫލަށް ނުވެއްދުމުން އޭނާ ވަނީ، "ބުރުގާއާ ދެކޮޅަށް ނުކުންނަ މީހުންނަކީ ކުއްތާތަކެއް ފަދައިން އެއްވެސް އަގެއް ނެތް ބައެއް،" ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

އަޒަރުބައިޖާނުގެ ގާނޫނުއަސާސީގައި އެ ގައުމަކީ ސެކިއުލާ ދައުލަތެއްގެ ގޮތުގައި ސީދާ ބަޔާންކޮށްފައިވެއެވެ. ރައީސް އިލްހާމް އަލިޔޭވްގެ ވެރިކަމުގައި، އާންމު މުއައްސަސާތަކުގައި ދީނީ ކަންކަން ބެލެހެއްޓުމުގެ ހަރުކަށި ކޮންޓްރޯލެއް ސަރުކާރުން ގެންގުޅޭއިރު، ތައުލީމީ ދާއިރާގައި ސެކިއުލަރިޒަމް ހިފެހެއްޓުމަކީ ގައުމީ ރައްކާތެރިކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ގަވާއިދުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ގައުމުގެ އަޣުލަބިއްޔަތު އޮންނަ މުސްލިމުންނަށެވެ. އަޒަރުބައިޖާނުގެ އާބާދީގެ 98.8 އިންސައްތައަކީ މުސްލިމުން ކަމަށްވާއިރު، އެ ގައުމުގެ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކު ބުރުގާ އަޅައެވެ. ނަމަވެސް މި ގަވާއިދު ހިންގަނީ ހަމައެކަނި އާންމު ތައުލީމުދޭ ސްކޫލުތަކަށް ކަމަށްވުމުން، މަދު ދީންތަކަށް ހާއްސަ ޕްރައިވެޓް ސްކޫލުތަކަށް—މިސާލަކަށް ބާކޫގައި ހުންނަ "ޗަބާދު އޯހްރް އަވްނަރ" ޔަހޫދީ ސްކޫލު ފަދަ ތަންތަނަށް—މި ގަވާއިދު ނުހިނގާ މައްސަލައިގައި ވެސް ސުވާލުތައް ވަނީ އުފައްދައިފައެވެ.

މި މައްސަލައަކީ އަޒަރުބައިޖާނުގައި ދީނީ މިނިވަންކަމާއި ސަރުކާރުން ތަންފީޒުކުރާ ސެކިއުލަރިޒަމާ ދެމެދު އޮތް ޒަމާންވީ ނުތަނަވަސްކަން އަލުން ފެންމަތިވި ކަމެކެވެ. މީގެ ކުރިން 2010 ވަނަ އަހަރު ވެސް މިފަދަ ޔުނީފޯމް އުސޫލުތަކެއް ތައާރަފުކުރުމާ ގުޅިގެން މުޅި ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ހިނގައި، ސިޔާސީ ހައްޔަރުކުރުންތަކެއް ހިނގާފައިވެއެވެ. މި ފަހަރު ވެސް ބުރުގާ މަނާކުރުމާ ދެކޮޅަށް އެ ގައުމުގައި ދަނީ އިހުތިޖާޖުގެ އަޑުތައް ގަދަވަމުންނެވެ.