އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ވާޗުއަލް ކެރެކްޓާތައް ނުވަތަ "އޭއައި އިންފްލުއެންސަރުން"ނަށް ރަސްމީ އައިޑެންޓިޓީ ކާޑު ދޫކުރުމުގެ މަސައްކަތް ޗައިނާގެ ސަރުކާރުން ފަށައިފިއެވެ.
އަލަށް ތައާރަފުކުރި މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން، މިފަދަ އޭއައި އިންފްލުއެންސަރުންނަށް ޑިޖިޓަލް ފައިސާގެ ވޮލެޓްތައް ހުޅުވުމާއި ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އެއްބަސްވުންތައް ހެދުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ.
އޭބީސީ ނިއުސް އޮސްޓްރޭލިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާ ސަރުކާރުން ދޫކުރި މިފަދަ ފުރަތަމަ އައިޑީކާޑު ލިބިފައިވަނީ އެ ގައުމުގެ މަޝްހޫރު ވާޗުއަލް އައިޑޮލް އެއް ކަމަށްވާ "ޔޫރީ" އަށެވެ. ސަރުކާރުން ދޫކުރި މި ލިޔުމުގައި އެމޮޑެލްގެ ނަމާއި، އުފަންދުވަހާއި، އެޑްރެހުގެ އިތުރުން މޫނުމަތީގެ ސިފަތައް ވެސް ހިމަނާފައިވެއެވެ. މި ހުއްދައާއެކު، ޔޫރީ ވެގެން ގޮސްފައިވަނީ ޗައިނާގައި ރަސްމީކޮށް ލައިސަންސް ލިބުނު ފުރަތަމަ އޭއައި އާޓިސްޓް ނުވަތަ އިންފުލުއެންސަރުކަމަށެވެ.
ބްރޯޑްކާސްޓް ކުރުމާއި އޮންލައިން ވީޑިއޯގެ ޚިދުމަތްތަކާ ގުޅޭގޮތުން ޗައިނާ ސަރުކާރުން މިއަހަރުގެ ކުރީކޮޅު ނެރުނު އުސޫލުތަކެއްގައި ވަނީ، ޑިޖިޓަލް މޮޑެލް އުފައްދާ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން އެ ފަރާތްތަކުގެ އޭއައި ކެރެކްޓާތައް ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ. މި ސިނާއަތުގައި މަދުވެގެން 1.3 މިލިއަން ކުންފުނި ހަރަކާތްތެރިވަމުން އަންނައިރު، 2025 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގައި މި މާކެޓުގެ އަގު ވަނީ 48 ބިލިއަން ޔުއާން (10 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރައިފައެވެ.
އިންޓަނެޓުގައި ޚިޔާލުފާޅުކުރާއިރު އަސްލު ވަނަވަރު ފޮރުވުމަށް އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ޑިޖިޓަލް އެވަޓާތައް، މިހާރު ވަނީ މުނިފޫހިފިލުވުމާއި ގޭމިންގް ދާއިރާއަށް ވަރަށް ބޮޑަށް ފުޅާވެފައެވެ. އެގޮތުން "ދަ ލެއިޑް-އޮފް ގާލް" ޑްރާމާގައި މުހިންމު ރޯލެއް ކުޅޭ އޭއައި ބަތަލާ "ފަންގް ތާއޯޒީ" އަށް ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ގާތްގަނޑަކަށް 400،000 ފޮލޯވަރުން ލިބިފައިވެއެވެ. އާންމު ދިރިއުޅުމުގައި ކެއްކުމާއި ކަސްރަތުކުރުން ފަދަ ކަންކަން ދައްކުވައިދޭ މިފަދަ ވީޑިއޯތަކުގެ އިތުރުން، އިންސާނުން އުޅޭ ގޮތަށް ހަރަކާތްތެރިވާ ޖަނަވާރުން ދައްކުވައިދޭ އޭއައި ކުރު ޑްރާމާތަކަށް ވެސް މިލިއަނުން ވިއުސް ލިބި، އުފައްދާ ފަރާތްތަކަށް ބޮޑު އާމްދަނީއެއް ލިބެމުންދެއެވެ.
ޑިޖިޓަލް ކެރެކްޓާތަކަކީ ޗައިނާގެ ސަރުކާރުން ވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ވަސީލަތެކެވެ. އެގޮތުން ޗައިނީޒް ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ މެންބަރުންނަށް ފިކުރީ ތައުލީމު ފޯރުކޮށްދިނުމަށާއި، އާންމުން ކުރާ އެކި ސުވާލުތަކަށް ޖަވާބުދިނުމަށް މިފަދަ ވަސީލަތްތައް ބޭނުންކުރެއެވެ. ނަމަވެސް، ޑޮކްޓަރުންގެ ގޮތުގައި ހެދިގެން އޮޅުވާލައިގެން ސިއްހީ އިރުޝާދު ދިނުން ފަދަ ނުރައްކާތެރި މައްސަލަތައް ފެންމަތިވެ، މިކަމަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އަނެއްކޮޅުން، ޔޫގަވް އަދި މެލްޓްވޯޓާ އިން ހެދި ސާވޭއަކުން އެނގޭ ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން އިންފްލުއެންސަރުންގެ މާކެޓިންގައި އޭއައި ބޭނުންކުރުން ބަލައިގަންނަނީ އެންމެ 28 އިންސައްތަ މީހުންނެވެ. އެހެންނަމަވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި އެ ނިސްބަތް އުޅެނީ 53 އިންސައްތައިގައެވެ.
މިފަދަ އިންފްލުއެންސަރުން އިތުރުވަމުން ދިޔަ ނަމަވެސް، އިންސާނުންނާ ދެމެދު އޮންނަ ގުޅުންތައް ދައްކުވައިދޭ އޭއައި ޗެޓްބޮޓްތައް ހުއްޓުވުމަށް ޗައިނާ ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭސީ) އިން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު އިއުލާނުކުރި އާ ގަވާއިދުތަކެއްގައި ބުނެފައިވަނީ، އިންސާނީ މުއާމަލާތްތަކުގެ ބަދަލުގައި ބޭނުންކުރުމަށާއި، ބޭނުންކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ދެވިހިފާ ގޮތަށް ޚިދުމަތްތައް ފަރުމާކުރުން މަނާވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!