ށ. އަތޮޅު ހޮސްޕިޓަލުގައި މުވައްޒަފުންގެ ހުނަރާއި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ކޯޑް ޕްރޯލެޕްސް" އާ ގުޅޭ ކްލިނިކަލް ތަޢުލީމީ ސެޝަނަކާއި، "ޖަސްޓް ކަލްޗަރ" އާ ގުޅޭ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ.
އެ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، ޑރ. އަމްރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު "ކޯޑް ޕްރޯލެޕްސް" ސެޝަނުގެ ސަބަބުން ބައިވެރިންގެ ކްލިނިކަލް މަޢުލޫމާތު ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި ވިހެއުމުގެ ތެރޭގައި ދިމާވާ އެފަދަ ކުއްލި ޙާލަތްތައް ރައްކާތެރިކަމާއެކު، ފުރިހަމައަށް މެނޭޖުކުރުމަށްޓަކައި އަވަސް ފިޔަވަޅު އެޅުމުގެ ވިސްނުން ބައިވެރިންގެ މެދުގައި ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. މި ސެޝަން ނަންގަވައިދެއްވި ޑރ. އަމްރުގެ އިތުރުން، އޭގައި ބައިވެރިވި މުވައްޒަފުންނަށް ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، އެ ހޮސްޕިޓަލުގައި ވަނީ "ޖަސްޓް ކަލްޗަރ" ނުވަތަ އިންސާފުވެރި މާހައުލެއް ޤާއިމުކުރުމަށާއި، ހާދިސާތައް ރިޕޯޓުކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިއީ ބަލިމީހުންގެ ރައްކާތެރިކަން ވަރުގަދަކުރުމަށާއި ހޮސްޕިޓަލުގެ ތެރޭގައި ރައްކާތެރިކަމުގެ ހެޔޮ ސަޤާފަތެއް އާލާކުރުމަށް އިސްކަންދީގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
"ޖަސްޓް ކަލްޗަރ" އަކީ މަސައްކަތުގެ މާހައުލުގައި ކަމެއް ގޯސްކޮށް ދިމާވުމުން، މީހުން ކުށްވެރިކޮށް އަދަބުދިނުމުގެ ބަދަލުގައި، އެކަން ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަނެ އެކަމުން ދަސްކުރުމަށް އިސްކަންދޭ އިންސާފުވެރި ނިޒާމެކެވެ.
މި ސެޝަނުގައި "ޖަސްޓް ކަލްޗަރ" އަކީ ކޮބައިކަން ބައިވެރިންނަށް އޮޅުންފިލުވައިދީ، ހާމަކަން ބޮޑު މުވާޞަލާތަށާއި، ދިމާވާ ހާދިސާތަކާއި ހާދިސާއަކާ ގާތްކުރި ކަންކަމުން ފިލާވަޅު ލިބިގަތުމަށް ބާރުއަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ބޭއިންސާފުން ކުށްވެރިވެދާނެ ކަމުގެ އެއްވެސް ބިރަކާ ނުލައި، ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ރިޕޯޓުކުރުމުގައި މުވައްޒަފުންނަށް ފުރިހަމަ އެއްބާރުލުން ލިބޭނެ މާހައުލެއް ޤާއިމުކުރުމަށް ވެސް މި ސެޝަނުގައި ވަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައެވެ.
ހަމައެއާއެކު، އަލުން އިޞްލާޙުކުރެވުނު "އިންސިޑެންޓް ރިޕޯޓިންގ ފޯމު" މި ސެޝަނުގައި ތަޢާރަފުކޮށް، އެކަށީގެންވާ ގޮތެއްގައި އަދި ވަގުތުން ހާދިސާތައް ރިޕޯޓުކޮށް ލިޔެކިޔުން ބަލަހައްޓާނެ ގޮތުގެ އިރުޝާދު މުވައްޒަފުންނަށް ވަނީ ދީފައެވެ. މެދުކެނޑުމެއްނެތި ދަސްކުރުމާއި ހާމަކަން ބޮޑު ގޮތެއްގައި ރިޕޯޓުކުރުމުގެ ތެރެއިން، ނުރައްކާތައް ދެނެގަނެ، ދިމާވާ ކަންކަމުން ފިލާވަޅު ލިބިގަތުމަކީ ށ. އަތޮޅު ހޮސްޕިޓަލުގެ މައިގަނޑު އަމާޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!