ކުޅިވަރުގެ މައިދާނާ އަލްވަދާއު ކިޔުމަކީ ކޮންމެ އެތުލީޓަކަށް ވެސް ނުހަނު ދަތި އަދި އުނދަގޫ ނިންމުމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރުގެ އެންމެ އުހުގައި ދެމިތިބޭ ކުޅުންތެރިންނަށް އެކަން ނިންމުމުގައި އަމިއްލަ ނަފުސާއި ކުޅިވަރުގެ ވަކިވަކި ކަންކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެފަދަ ވަކިވުމެއްގައި ވެސް ރަނގަޅު އަދި ނުބައި ގޮތްތަކެއް ހުރެއެވެ. އެގޮތުން އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ ވަކިވާންވީ އެންމެ ފުރިހަމަ ގޮތް ދައްކައިދިންއިރު، ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ.

މިއަހަރުގެ ހޫނުމޫސުމުގެ ވޯލްޑް ކަޕް ފައިނަލުން ލިބުނު ބައްޔަށްފަހު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އަތުން ލިޔެފައިވާ ސިޓީއެއް މެދުވެރިކޮށް ގައުމީ ޓީމުން ވަކިވާކަން ހާމަކޮށްފައެވެ. އުމުރުން 39 އަހަރުގެ މެސީ އޭރު ބުނެފައިވަނީ، އެ ނިންމުމަކީ އޭނާގެ "ރޫހަށް" ނުހަނު ތަދުވި ނިންމުމެއް ނަމަވެސް، ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އާއިލާއިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ އެއްފަރާތަކަށް ޖެހިލުމުގެ މައިގަނޑު އެއް ސަބަބަކީ އާ ޖީލަށް ފުރުސަތު ދިނުން ކަމަށާއި، ދެން އޮތް ތަނުގައި އާޖެންޓީނާގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ޓީމަށް ސަޕޯޓްކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Ad
rt
މެސީ އަށް ޝަރަފްވެރި އިހްތިރާމެއް ދައްކާލަނީ، ފޮޓޯ: އޭޕީ

އޭގެ ފަހުން، ގައުމީ ޓީމަށް އެންމެ ފަހު މެޗެއް ކުޅެދިނުމަށް އެދުނު އެދުމަށް އެއްބަސްވެ، އަންގާރަ ދުވަހުގެ ރޭ ބުއެނޮސް އައިރިސްގައި ބެނިންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މެސީ ވަނީ ރަސްމީކޮށް އަލްވަދާއު ކިޔައިފައެވެ. އެ ގައުމުގައި ކަލާނގެއެއްގެ ދަރަޖަ ދީފައިވާ މެސީގެ އަލްވަދާއީ މެޗު ބެލުމަށް އެތައް ހާސް ސަޕޯޓަރުންނެއް ޖަމާވި އިރު، 3-0 އިން މޮޅުވި މި މެޗުގައި އޭނާ ވަނީ ލަނޑެއް ޖަހައި ދެ އެސިސްޓް ހަދައިފައެވެ. ވާމްއަޕް ފެށުނީއްސުރެ ގޮސް މެޗު ނިންމުމަށްފަހު ސަޕޯޓަރުންނާ މުހާތަބުކޮށް ދިން 10 ވަރަކަށް މިނެޓުގެ ތަގުރީރާ ހަމައަށް ވެސް މެސީގެ ލޮލުން ކަރުނަ ފެނުނުއިރު، މިއީ އޭނާގެ 20 އަހަރުވީ ބައިނަލްއަގުވާމީ ކެރިއަރަށް އައި ވަރަށް ވެސް ފުރިހަމަ އަދި ޝަރަފުވެރި ނިމުމެކެވެ.

މެސީގެ ވަދާއީ މެޗުގައި މެޝީއަށްދިން ޝަރަފްގެ މަންޒަރެއް، ފޮޓޯ: އޭޕީ

ނަމަވެސް މެސީ ފަހުރުވެރި އަލްވަދާއެއް ކީ ދުވަހު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނީ ހިތާމަވެރި އަދި އެހާމެ އާދަޔާހިލާފު މަންޒަރެކެވެ. އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ވަނީ ޕޯޗުގަލްގެ ޔުއެފާ ނޭޝަންސް ލީގު ޓްރެއިނިން ކޭމްޕު ދޫކޮށް ދިޔަ ސަބަބު ހާމަކޮށްފައެވެ. އެގޮތުން، އާ ކޯޗު ޖޯޖް ޖީސަސް އޭނާއަށް ކުޅުމުގެ ވަގުތު ދޭނެ ކަމަށް ބުނެ ވީ ވައުދާ ހިލާފުވެފައިވާ ކަމަށާއި، އެކަމަށް އާންމުކޮށް މައާފަށް އެދިފައި ނުވާތީ ހިތްހަމަނުޖެހުނީ ކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލަ ފެންމަތިވީ އޮކްޓޫބަރު 4 ގައި ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗުގެ ފަހު 30 މިނެޓުގައި ރޮނާލްޑޯ ނުކުޅުވުމުންނެވެ.

އާޖެންޓީނާގެ ކުއްޖަކު މެސީ ރަމްޒުކޮށް ދިނުމަށް ވެރިރަށުގައި ބަހައްޓާފައި ހުރި ބުދަކަށް ބަލަހައްޓައިގެން، ފޮޓޯ: އޭޕީ

ކޭމްޕު ދޫކޮށް ދިޔުމަށްފަހު އަންގާރަ ދުވަހު ނެރުނު ބަޔާނުގައި، އެނބުރި އަންނާނެ ކަމަށް ބުނެ، އޭނާގެ އަމަލުތަކަށް އަދަބު ދިނުމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރޮނާލްޑޯ ވަނީ ގޮވާލައިފައެވެ. އިންސްޓަގްރާމްގައި ކުރި މި ޕޯސްޓަށް 15.5 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބުނު ނަމަވެސް، މުޅި ބަޔާނުން ފެނިގެންދިޔައީ ހަގީގީ މައާފަށް އެދުމެއް ނެތް، ކުޑަކުއްޖެއްގެ މިޒާޖުގެ އަމަލުތަކެކެވެ. ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ ގިނަ ބަޔަކު މިހާރު މާ ބޮޑު ސަމާލުކަމެއް ވެސް ދޭ ކަމަކަށް ނުވެއެވެ.

ރޮނާލްޑޯ، އަދިވެސް ފުރަތަމަ އެގާރަ ކަށަވަރުވާންޖެހޭކަމަށް ގަބޫލުކުރޭ، ފޮޓޯ: ގެޓީ އިމޭޖްސް

ފަސް ފަހަރު ބެލޮންޑިއޯ ހާސިލުކުރި ރޮނާލްޑޯ، 2022 ގެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުގައި މާ ބޮޑު އަސަރެއް ނުދެއްކޭއިރު، އޭނާގެ ސަބަބުން ޓީމުގެ ރަން ޖީލަށް ހުރަސްއެޅެމުންދާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ވޯލްޑް ކަޕްގެ މާޔޫސީއަށްފަހު އުޒްބެކިސްތާން ކޮޅަށް ދެ ލަނޑު ޖަހައި ކެމެރާ ކުރިމަތީ "އަހަރެން މިއައީއޭ" ގޮވި ނަމަވެސް، ޓީމަށް މިހާރު އޭނާ މުހިންމު ނޫންކަން ނަތީޖާތަކުން ސާފުވެއެވެ. ޔޫރޯ 2016 ގެ ކާމިޔާބީއަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އަމިއްލަ އެދުމާއި ބޮޑާކަމުގެ ސަބަބުން ރޮނާލްޑޯގެ އަމިއްލަ ލެގަސީއަށް މިހާރު ދަނީ ހިޔަނިއެޅެމުންނެވެ. އޭނާއަށް ވެސް މެސީ ފަދަ ޝަރަފުވެރި އަލްވަދާއެއް ލިބެން އޮތީ ވީހާވެސް އަވަހަކަށް ގައުމީ ޓީމާ ވަކިވެގެންނެވެ.