ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ހއ. އުލިގަމުގައި އެ މަރުކަޒުގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އުލިގަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރަށު ގޮފި ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، ހއ. އުލިގަމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސަދުﷲ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންގެ އިތުރުން، އުލިގަމު ކައުންސިލްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާރު ވެސް އެކި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ގޮފިތައް ހެދުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ މުބާރާތަކަށް ހަމަޖައްސައި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ޙާފިޡުން ދަސްވެނިވުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ފަށާފައިވާއިރު، ކީރިތި ޤުރުއާނަށް ޚާއްޞަ ވަޤްފު މަޝްރޫޢެއް ފެށުމަށް ވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!