ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށީ، އުދަރެސް، އުމުރުން 45 އަހަރުގެ އަޙްމަދު މިސްޙާޤެވެ.

Ad
rt

އޭނާގެ ހާލު ދެރަވެފައިވަނީ ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހާލު ދެރަވި މިސްޙާޤު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 14:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެއިތުރުން، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް މިއަދު ވަނީ ލިބިފައެވެ.

ދ. އަތޮޅުގައި ހިނގި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.