އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޖަލުން މިނިވަންކުރި ޕެރޯލް ބޯޑުގެ ނިންމުން ބާތިލްކޮށް އޭނާ އަނބުރާ މިއަދު ޖަލަށް ގެންގޮސް، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ މެމްބަރުން މިއަދު ވަކިކޮށްފިއެވެ.
އެކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިން ނިންމުން ބާތިލްކުރަން ނިންމީ ޕެރޯލް ބޯޑުން އެ ނިންމުން ނިންމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީކަމަށް ވަޒީރު އިހްސާން ވަނީ ވިދާޅުވެފައެވެ.
ޕެރޯލަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއެއްގެ މުއްދަތު ހަމަވުމުގެ ކުރިން، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކޮށްލުމެވެ. މީގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހުކުމުގެ ބޮޑު ބައެއް ތަންފީޒުކޮށްފައިވުމާއި މުޖުތަމައަށް ނުރައްކަލެއް ނެތް މީހެއްކަން ކަށަވަރުވުން ހިމެނޭއިރު، ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ޖަލު ހުކުމް ތަންފީޒުކުރަން ޖެހެއެވެ.
އޮކްޓޯބަރު 2020 ގައި 98.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އަބުޗާގެ މައްޗަށް، ޕީޖީ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
އަބުޗާގެ ހުކުމުން ބާކީ 20 އަހަރު އޮއްވައި އަދި ބަންދުގައި އެންމެ ފަސް އަހަރު ހޭދަކޮށްފައިވަނިކޮށް، ކޮން ޝަރުތެއް ފުރިހަމަވެގެން ކަމެއް ހާމަނުކޮށް އޭނާއަށް ޕެރޯލް ދިނުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މި މައްސަލައިގައި ފާޑުކިޔުން ބޮޑުވުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ އޭނާ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!