ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތް ކަމަށާއި، މުޒާހަރާއެއް ކޮށްގެން ބަޔަކަށް ހުކުމް ނުކުރާ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމުވެފައިވާކަމަަށެވެ. އަދި ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ރައީސް ވަރަށް ރަނގަޅަށް މެނޭޖްކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ރައީސް މުޢިއްޒު ރާއްޖޭގެ ސިޔާސީ މަޝްރަހް މެނޭޖްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ވަރަށް ގާތުން އަދި އޮމާންކޮށްކަމަށެވެ. މިސާލެއްގެ ގޮތުން މަހްލޫފް ދެއްކެވީ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމުން ރައީސް ކިޔުއްވި މަރުޙަބާއެވެ.
''ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވި. މިދައްކަނީ ރައީސް ނަޝީދުގެ ވެރިކަން ކަމުނުދިޔަ ސަޕޯޓަރުންވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވި ވާހަކަ،" މަހްލޫފް ވިދާޅުވިއެވެ.
ސިޔާސީ ހަމަޖެހުން އޮތް ނަމަވެސް މި ސަރުކާރުން މުޒާހަރާކުރުމުގެ ފަހި ފުރުސަތެއް ތަނަވަސްކޮށްދީފައިވާ ކަމަށާއި، މުޒާހަރާ ކުރާނެ އިތުރު ތަންތަންވެސް ހަމަޖައްސައިދީފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މީގެކުރިން ސިޔާސީ ހަރަކާތްތަކާ ގުޅިގެން ޖަލަށް ވަޑައިގަންނަވަންޖެހި، ހުކުމްވެސް ތަންފީޒު ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ސަފީރު ވިދާޅުވީ، މީގެ ކުރިން މުޒާހަރާތަކަށް ނިކުންނަ މީހުންނަށް ހުކުމްތައް ކުރަމުން ދިޔަ ނަމަވެސް މިއަދު އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.
މީގެ ކުރިން ކުރިއަށްދިޔަ މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު އެއްފަހަރާ ޖަލަށް ގެންދިޔަ ނަމަވެސް، މިއަދު ސިޔާސީ ފަރާތްތަކުން އެ ހާލަތްތައް ހަނދާންނައްތާލާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!