ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ.
ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ ދަށް ނަތީޖާތަކަކާއެކު އެއްވެސް މެޗެއް ކާމިޔާބު ނުކުރެވިއެވެ.
ރޭގެ މެޗުގައި ނައިވާދޫގެ އަބުދުއްﷲ ވިސާމް ދެ ލަނޑު ޖަހައިދިންއިރު، ބާކީ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝާއިން، މުހައްމަދު މައިޝަން، އަލީ ހުސާމް އަދި ހުސައިން އަސްލަމެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަބުދުﷲ ވިޝާމް އެވެ.
"ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1ގެ ފައިނަލްގައި ނައިވާދޫ އާއި ވާދަކުރާނީ އިހަވަންދޫއެވެ.
އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ރާއްޖޭގެ ޗެމްޕިއަން ނައިވާދޫ އަކީ ގައުމީ ފުޓްސަލް ޓީމުގެ މުހިންމު ތަރިންތަކެއް އެކުލެވޭ ފުޓްސަލްގައި ރާއްޖޭގައި އެންމެ ކާމިޔާބު އެއް ޓީމެވެ. ނައިވާދޫ ވަނީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ އެ މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ. އަދި އެ ޓީމުވަނީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މުޅި ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައެވެ.
މީގެ އިތުރުން ނައިވާދޫއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ރަނަރަޕް ޓީމެވެ.
މިއީ އެފްއޭއެމުން އަތޮޅުތަކުގެ މެދުގައި ރަސްމީ ފުޓްސަލް މުބާރާތެއްކުޅޭ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!