މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާޕާސަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

Ad
rt

މި ނިންމުމާ ގުޅިގެން މިފްކޯއިން ބުނީ، އެގްރޯނެޓުގެ އައު ލީޑަޝިޕަށް މަރުހަބާ ކިޔާ ކަމަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް އެ ބޭފުޅުންނާ އެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، އައު މަގާމުތަކާ ހަވާލުވެވަޑައިގެންނެވި އަނަސް އަށާއި ސިނާނަށް މިފްކޯއިން ވަނީ ކާމިޔާބީއަށް އެދިފައެވެ.

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން އެގްރޯނެޓް އުފެއްދީ 21 އެޕްރީލް 2020 ގައެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުންޏެއް (އެސްއޯއީ) ގެ ގޮތުގައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 2024 ވަނަ އަހަރުގެ ތެރޭގައި އެގްރޯނެޓް އުވާލުމަށް ކުރިން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުން އެ ނިންމުން ބަދަލުކުރީ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށެވެ.

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނެވި ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މީގެ ހަމަހެއްހާ ދުވަސް ކުރިންނެވެ.

ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އޭނާއާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް އޮކްޓޫބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ.