ށ. ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައި، އެ މަރުކަޒުން ދެމުން އައި ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ފީވަކު ޞިއްޙީ މަރުކަޒުގެ އައު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

Ad
rt

ފީވަކުގައި މީގެ ކުރިން ޞިއްޙީ ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރުއެވެ. ނަމަވެސް، އަލަށް އިމާރާތްކުރި އެކްސްޓެންޝަން އިމާރާތް ބޭނުންކުރަން ފެށުމާއެކު، މަރުކަޒުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

މި އިމާރާތް ހުޅުވުމާއެކު ޞިއްޙީ މަރުކަޒުގެ އިދާރީ ޚިދުމަތްތަކާއި ޕަބްލިކް ހެލްތު ޔުނިޓުގެ ޚިދުމަތްތައް ވަނީ އައު އިމާރާތަށް ބަދަލުކޮށްފައެވެ. މީގެ އިތުރުންވެސް، ރައްޔިތުންނަށް ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް މި އައު އިމާރާތަށް ބަދަލުކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، އެކްސްޓެންޝަން އިމާރާތާއެކު ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އިމާރާތުގެ ސަބަބުން މަރުކަޒުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު ދެމުން އަންނަ ޕަބްލިކް ހެލްތުގެ ޚިދުމަތްތައް މި އިމާރާތަށް ބަދަލުވެގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ބަލިތަކުން ރައްކާތެރިވެ ތިބުމުގެ އާދަ އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފީވަކަކީ އާންމު ޞިއްޙަތުގެ ނަމޫނާ ރަށަކަށް ހެއްދެވުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މިއަދު އެ ރަށުގައި ބޭއްވި މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ފީވަކު ކައުންސިލްގެ އިސްވެރިންގެ އިތުރުން އެ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ އައު އިމާރާތް ބައްލަވާލައްވައި، ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.