ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހ. މީނާޒް، ޝަމްޢޫން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ޝަމްޢޫން ޢައްޔަން ކުރެއްވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

Ad
rt

ޝަމްޢޫން ޙަމީދަށް އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. އަދި ހުވައި ކުރެއްވުމަށްފަހު، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢޫން ޙަމީދާ ރަސްމީކޮށް ޙަވާލުކުރައްވާފައެވެ.

އެޗްއާރްސީއެމްގެ އިސް މަޤާމުތަކެއް މީގެ ކުރިންވެސް ފުރުއްވާފައިވާ ޝަމްޢޫން ވަނީ 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން، 2012 އިން ފެށިގެން 2016 ގެ ނިޔަލަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެއިތުރުން، ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ޤައުމީ ފެންވަރުގެ ދިރާސާތަކުގައިވެސް ޝަމްޢޫން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޝަމްޢޫން ޙަމީދު އެންމެފަހުން އަދާކުރައްވަމުން ގެންދެވި ވަޒީފާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާރމެނެންޓް ސެކްރެޓަރީގެ މަޤާމެވެ.