ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ބުރުކީނާ ފާސޯގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ހަމަލާތަކުން ފުރިގެންވި މޮޅު ކުޅުމެއް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފައެވެ.
މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މި ބްރޭކުގެ ފުރަތަމަ މެޗުގައި ބޮލީވިއާގެ މައްޗަށް 4-0 އިން ކުރިހޯދާފައިވާ އާޖެންޓީނާއިން ވަނީ މި ދެ މެޗުގައި ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަނުދީ، ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ. އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު މި މެޗު ފެށިގެން ހަމަޖެހިލަން އާޖެންޓީނާއަށް ކުޑަ ވަގުތުކޮޅެއް ބޭނުންވި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އެ ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ބުރުކީނާ ފާސޯގެ މައުމޫނީ ދިއާލޯ، އާޖެންޓީނާގެ އަގުސްޓިން ގިއާއީއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ބުރުކީނާ ފާސޯގެ ކީޕަރު ދިފާއުކުރި ނަމަވެސް، ރީބައުންސްވި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޖެންޓީނާގެ ކުޅުންތެރިޔާ ވަނީ ލީޑު ނަގައިދީފައެވެ. ބޮލީވިއާއާ ދެކޮޅަށް ވެސް ލަނޑު ޖެހި މި ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް ކުޅެދިން 86 މެޗުން 42 ލަނޑު ހަމަކޮށްފައެވެ. މިއާއެކު އޭނާ ދަނީ އާޖެންޓީނާގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ގެބްރިއަލް ބަޓިސްޓޫޓާގެ 54 ލަނޑުގެ ރެކޯޑާ ގާތްވަމުންނެވެ. އެ ލިސްޓުގެ އެއްވަނައިގައި 125 ލަނޑާއެކު އޮތީ ލިއޮނެލް މެސީއެވެ.
އާޖެންޓީނާއިން ލީޑު ފުޅާކުރީ އަށްވަނަ މިނެޓުގައެވެ. އާޖެންޓީނާގެ ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިއާލޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ނަތީޖާ 2-0 އަށް ބަދަލުވިއެވެ. އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 12 ވަނަ މިނެޓުގައި ޖިއާންލޫކާ ޕްރެސްޓިއާނީ ވަނީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު، މެޗުގެ ފުރަތަމަ 15 މިނެޓު ނިމުމުގެ ކުރިން ލީޑު 3-0 އަށް ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް، 35 ވަނަ މިނެޓުގައި ނިކޮލަސް ޕާޒް ވަނީ ހުސްޖާގައަކަށް ދުވެ، ލިބުނު ބޯޅަ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ އެންމެ މިނެޓެއް ފަހުން، 36 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ޖެހި ލަނޑާއެކު، ދުނިޔޭގެ ޗެމްޕިއަނުން ފުރަތަމަ ހާފު ނިންމާލީ ފަސް ލަނޑުގެ ބޮޑު ލީޑަކާއެކުގައެވެ.
ދެވަނަ ހާފުގައި ވެސް އާޖެންޓީނާގެ ފަރާތުން ފެނުނީ ހުއްޓުމެއް ނެތް ހަމަލާތަކެކެވެ. މެޗުގެ 57 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފްރެންކޯ މަސްޓަންޓުއޯނޯ ވަނީ ކީޕަރާ އެއްކޮޅަށް އަރައި ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު ނަތީޖާ 6-0 އަށް ބަދަލުކޮށްފައެވެ. ރިވަރ ޕްލޭޓަށް ކުޅުނުއިރު އެސްޓާޑިއޯ މޮނިއުމެންޓަލްގައި ހިތްގައިމު ހިލޭޖެހުމަކުން މީގެ ކުރިން ލަނޑު ޖަހާފައިވާ މަސްޓަންޓުއޯނޯ ވަނީ ގައުމީ ޖާޒީގައި ވެސް އެ ދަނޑުގައި ހަނދާން އާކޮށްދީފައެވެ.
މުޅި މެޗުގައި ވެސް ބުރުކީނާ ފާސޯއަށް އާޖެންޓީނާގެ އެޓޭކުތައް ހުއްޓުވުމުގައި ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ބޮޑު ލީޑެއްގައި އޮތް ނަމަވެސް އާޖެންޓީނާއިން ދިޔައީ ކުރިއަށް ޖެހި ހަމަލާތައް އުފައްދަމުންނެވެ. އަދި އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖިއޮވާނީ ސިމިއޯނީ ކާމިޔާބުކޮށްދިން ލަނޑާއެކު އާޖެންޓީނާއިން ވަނީ 7-0 ގެ ފުރިހަމަ މޮޅަކާއެކު މެޗު ނިންމާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!