މިނިސްޓްރީތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުން، ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މިއަންނަ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމް ޖުމްލަ ދެ ގަޑިއިރުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

Ad
rt

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި އިކޮނޮމިކް އެންޓް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ޕީއެސްއެމް އެއާ އެޕްލިކޭޝަނާއި، ފޭސްބުކް އަދި އެކްސް މެދުވެރިކޮށް ވެސް އޮންލައިންކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހަމަޖައްސައިދީފައެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ފޯރަމަކީ، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ތަފްސީލުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ރައްޔިތުންގެ ހުރި ޝަކުވާތަކާއި ސުވާލުތަކަށް ސީދާ މިނިސްޓަރުންގެ ފަރާތުން ޖަވާބު ހޯދައިދިނުމަކީ ވެސް މި ފޯރަމްގެ މުހިންމު ބޭނުމެކެވެ.

މިނިސްޓަރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް ސަރުކާރުން ކުރިއަށްގެންދާ މި ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގައެވެ.