''ދައުލަތުން ފައިސާ ނަގައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން މަސައްކަތްކުރާ'' ސިޔާސީ ޕާޓީތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އީސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި މި ޕޯސްޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ފެންނަމުންދަނީ ގައުމު އިސްކުރުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތަކުން އެމީހުންގެ އަމިއްލަ ސިޔާސީ މަސްލަހަތު އިސްކުރަމުންދާ މަންޒަރު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ގައުމުގެ ހާލަތާމެދު އެއްވެސް ވަރަކަށް ވިސްނާނުލާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީގެ ނަމުގައި ނުކުމެ ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލައި، ގައުމުގެ އިގްތިސޯދީ އަދި އިޖުތިމާއީ ފޭރާން ނަގާލަން އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން ގައުމަށް ގެއްލުން ލިބޭގޮތަށް ދޮގު ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެގޮތަށް ދޮގު ވާހަކަ ދައްކައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން އުޅޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ޝަރީފްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށްވާއިރު، މިފަދަ ކަންކަމުގައި އެ ކޮމިޝަނުން ބަސްބުނަން ޖެހޭނެ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު އިސްކޮށް، ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ފައިސާ ނަގައިގެން ހިންގާ ސިޔާސީ ޕާޓީތަކުން ގައުމުގެ އިގްތިސޯދު ފުނޑާލަން ހިތުހުރިހާ ވާހަކައެއް ދައްކަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ޝަރީފް ވަނީ އެފަދަ ފަރާތްތަކާމެދު ވަކި ބަޔަކު ތަފާތު ކުރުމެއް ނެތި ފިޔަވަޅު އެޅުމަށް އީސީއަށް ގޮވާލައްވާފައެވެ.

ޝަރީފް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރުގެ އީގަލް ހިލްސް އާއި ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" އާއި ގުޅޭ ބަހުސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫޢުއާއި ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.