2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީގެ ޑިފެންޑަރު މާކޯ މަޓެރާޒީގެ މޭމައްޗަށް ބޮލުން ޖަހައި ތާރީޚީ "ހެޑްބަޓް" ހަމަލާދިން ހާދިސާއަށް 20 އަހަރު ފުރުނުއިރު، ފްރާންސް ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒައިނުއްދީން ޒިދާން އަނެއްކާ ވެސް އިޓަލީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ނޭޝަންސް ލީގުގައި ހުކުރު ދުވަހު ސްޓޭޑް ޑި ފްރާންސްގައި ކުޅޭ މި މެޗަކީ ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ސޫޓު ލައިގެން ޓީމަށް އިރުޝާދުދޭން ޒިދާން ނުކުންނަ ފުރަތަމަ މެޗެވެ.

Ad
rt

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޒިދާން ބުނީ، އެ ހާދިސާގެ މަންޒަރުތައް އަދިވެސް އޭނާއަށް ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ.

"އެ މަންޒަރުތަކުން އަހަންނަށް އަބަދުވެސް އެކަން ހަނދާންކޮށްދޭ، އެ މަންޒަރު އަދިވެސް ތަކުރާރުކޮށް ދައްކާ،" ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.

"އެކަމަކު ނަސީބަކުން އަހަރެން ކުޅުނު ހުރިހާ މެޗެއްގައި ކަންވީ އެހެންނެއް ނޫން، އެއަށްވުރެ މާ ރީތި މަންޒަރުތައް ވެސް އެބަހުރި." ޒިދާން ބުންޏެވެ.

އެ ދުވަހު ހިނގައިދިޔަ ކަންތަކާމެދު އަދިވެސް ހިތާމަނުކުރާކަން ފާހަގަކުރަމުން ޒިދާން ބުނީ އެއީ އޭނާގެ ކެރިއަރުގެ ބައެއް ކަމަށެވެ.

"އެއީ ހިތާމަކުރާ ކަންކަމެއް ނޫން. އެއީ އަހަރެންގެ ކެރިއަރުގެ ބައެއް. ވީ ކަންތަކާމެދު އަހަރެން ފަޚުރުވެރިއެއް ނުވަން، އެކަމަކު އަބަދު ހަމައެކަނި ރަނގަޅު ކަންކަމެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.

"ދިރިއުޅުމުގެ ދަތުރުގައި އަހަރެމެން އެންމެންނަށް ވެސް އެންމެ އެކަށީގެންނުވާ ކަންކަން ކުރެވޭ ފަހަރު އަންނާނެ. އެކަމަކު މިހާރު މުހިންމީ ދެން އޮތް ކަންތައް." އެ ހާދިސާއަށް ފަހު މަޓެރާޒީއާ ދުވަހަކުވެސް ވާހަކަދެއްކިންތޯ ސުވާލުކުރުމުން ޒިދާން ވަރަށް ސާފުކޮށް ބުނީ "ނޫން، އެއްގޮތަކަށްވެސް ނުދައްކަން" ކަމަށެވެ.

ދެހާސް ހަވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފަހު ދުވަހަކުވެސް ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައިނުވާ ޒިދާން ބުނީ، އޭރު ކޯޗަކަށް ވެދާނެ ކަމަށް އުންމީދު ނުކުރާތީ، އެއީ ފްރާންސް ޓީމުގައި އޭނާ ހަނދާންކުރެވޭނެ އެންމެ ފަހު ކަންތައް ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އެ މެޗުގެ އިތުރު ވަގުތުގައި މަޓެރާޒީއާ ދެމެދު ބަދަލުކުރެވުނު ބަސްތަކަކަށް ފަހު، ޒިދާން ކުއްލިއަކަށް ހުއްޓި، އެނބުރި ގޮސް މަޓެރާޒީގެ މޭމައްޗަށް ބޮލުން ޖެހުމުން އޭނާ ވިއްސައިގެން ދިޔަ އެވެ. އެ މަންޒަރު ފެނި ބާލިންގެ ސްޓޭޑިއަމް ހައިރާންކަމެއްގެ ތެރޭގައި ވަނިކޮށް، އާޖެންޓީނާގެ ރެފްރީ ހޮރާސިއޯ އެލިޒޮންޑޯ ވަނީ ޒިދާނަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ރެފްރީ އެލިޒޮންޑޯ ފަހުން ކިޔައިދިން ގޮތުގައި، ވީޑިއޯ ރިވިއު ނެތް އެ ދުވަސްވަރު، އޭނާއަށާއި އެސިސްޓެންޓުންނަށް އެ މަންޒަރު ނުފެނުނު ނަމަވެސް އެކަން އެންގީ ހަތަރުވަނަ އޮފިޝަލެވެ.

އެ ފައިނަލް މެޗުގައި ފްލޮރެންޓް މަލޫޑާއަށް މަޓެރާޒީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ދުނިޔޭގެ އެންމެ މޮޅު ކީޕަރު ޖިއާންލުއީޖީ ބުފޮން ކަންފަތްމަތިން "ޕަނެންކާ" ސްޓައިލުގައި ގޯލުގެ ހުރަސްދަނޑީގައި ޖައްސައި ވައްދާލައިގެން ފްރާންސަށް ލީޑު ނަގައިދިނީ ވެސް ޒިދާނެވެ. ނަމަވެސް، އިތުރު ވަގުތުގައި ހިނގި ހަމަނުޖެހުމާ ގުޅޭގޮތުން 2022 ވަނަ އަހަރު ލެކިޕް ނޫހަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ މަޓެރާޒީ އޭނާގެ ކޮއްކޮ ލީލާއާ ބެހޭގޮތުން ވާހަކަދެއްކުމުން ކެތްނުކުރެވުނީ ކަމަށެވެ. އެކަމާ ގުޅިގެން މަޓެރާޒީ ބުނެފައިވަނީ، ޒިދާން ފުންމައިގެން ދިޔަނުދިނުމަށް ޖާޒީގައި ހިފެހެއްޓުމުން، ޖާޒީ ބޭނުންނަމަ ފަހުން ދީފާނެ ކަމަށް ޒިދާން ބުނި ކަމަށާއި، އޭނާ ބުނީ ބާރީގެ ގޮނޑުދޮށްތަކުގައި ކުޑައިރު ކުޅޭއިރު ކިޔާ އާދައިގެ ބަސްތަކަށްވުރެ ވަކިން ގޯސް އެއްޗެއް ނޫން ކަމަށެވެ.

ޑިޑިއޭ ޑެޝޯމްޕްސްގެ ބަދަލުގައި ފްރާންސްގެ ކޯޗުކަމާ ޒިދާން ހަވާލުވުމުން އެ ގައުމުގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ފެޑެރޭޝަން އިމާރާތް ކައިރިއަށް އެއްވެ އުފާފާޅުކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ތުރުކީ އަދި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ. އަނެއްކޮޅުން، އަލުން އެނބުރި އައި ކޯޗު ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީ ނުކުތް ފުރަތަމަ މެޗުން ބެލްޖިއަމް އަތުން 2-0 އިން ބަލިވި ނަމަވެސް، ތުރުކީ އަތުން 4-1 އިން ހޯދި ބޮޑު މޮޅާއެކު އެ ޓީމު އޮތީ އިތުބާރާއެކު ޒިދާންގެ ފްރާންސާ ކުރިމަތިލާން ތައްޔާރަށެވެ.