ޔޫއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓް ކުރުމަށް ގޮވާލައި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޓެނިސް ބޯޅަތަކެއް ދަނޑުމައްޗަށް އުކުމާ ގުޅިގެން، އޮސްޓްރިއާއާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ބުރާސްފަތި ދުވަހު ކުޅުނު މެޗު ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މެޗު ފެށިގެން ކުރިއަށްދަނިކޮށް، ދަނޑު ބޭރުގައްޔާއި އެތެރޭގައި ވެސް މުޒާހަރާތައް ކުރިއަށްދިޔަ ވަގުތެއްގައެވެ.

Ad
rt

މެޗުގެ 12 ވަނަ މިނެޓުގައި ޓްރޯއީ ޕެރޮޓް ކާމިޔާބުކުރި މޮޅު ލަނޑާއެކު އަޔަލެންޑުން 1-0 ގެ ނަތީޖާއަކުން ކުރީގައި އޮއްވައި، މެޗުގެ 19 ވަނަ މިނެޓުގައި ފަލަސްތީނުގެ ދިދަ ޖަހާފައިވާ ޓެނިސް ބޯޅަތައް ވިނަގަނޑު މައްޗަށް އެޅުމުން ރެފްރީ އެލާޑް ލިންޑްހައުޓް ވަނީ ކުޅުންތެރިން ފެންބޯ ވަގުތުކޮޅަކަށް ފޮނުވާލާފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ދިދައެއް ހިފައިގެން ދަނޑުމައްޗަށް ދުވެފައި އަރަން މަސައްކަތްކުރި މީހަކު ސްޓެވާޑުން ހުއްޓުވި ކަމަށް އަޔަލެންޑުގެ ބްރޯޑްކާސްޓަރު އާރްޓީއީން ރިޕޯޓުކުރިއެވެ. ހަތަރު މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފަށައި، ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޕެރޮޓް ވަނީ އަޔަލެންޑަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާނާ ގުޅިގެން މެޗު ފެށުމުގެ ކުރިން ވެސް ސްޓޭޑިއަމް ކައިރީގައި މުޒާހަރާކޮށްފައިވެއެވެ. އައިރިޝް ޕަލަސްތީން ސޮލިޑަރިޓީ ކެމްޕޭނާއި "ސްޓޮޕް ދަ ގޭމް" ހަރަކާތުން ސްޓޭޑިއަމް ބޭރުގައްޔާއި ގައުމުގެ އެކި ސަރަހައްދުތަކުގައި ބޭއްވި މި އެއްވުންތަކުގައި ފަލަސްތީނުގެ ދިދަތައް ވިހުރުވައި، އިޒްރޭލާ ދެކޮޅަށް ކުޅޭ ދެ މެޗު ބޮއިކޮޓްކުރަން ނިންމި އަޔަލެންޑުގެ ރިޒާވް ގޯލްކީޕަރު ގެވިން ބަޒޫނޫއަށް ތާއީދުކޮށް ބެނާތައް ދައްކާފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އަންނަ އާދީއްތަ ދުވަހު ސާބިއާގެ ބަކާ ޓޮޕޯލާގައި ސަޕޯޓަރުން ނުވައްދައި ކުޅުމަށް ހަމަޖެހިފައިވާ އިޒްރޭލާ ދެކޮޅު "ހޯމް" މެޗު އަޔަލެންޑުން ބޮއިކޮޓް ކުރުމަށެވެ. "ސްޓޮޕް ދަ ގޭމް" އިސްނެގުމުގެ ދަށުން ބުދަ ދުވަހު ވަނީ ޓީމުގެ ކުޅުންތެރިންނަށާއި ކޯޗު ހެއިމިރް ހަލްގްރިމްސަންއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އަދި އަޔަލެންޑް ސަރުކާރާއި ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) އަށް ވެސް އެ މެޗު ކެންސަލް ކުރުމަށް އެދިފައެވެ.

މިދިޔަ އާދީއްތަ ދުވަހު ހަންގޭރީގެ ޑެބްރެސެންގައި އިޒްރޭލުގެ "ހޯމް" މެޗުގެ ގޮތުގައި ކުޅުނު މެޗު އަޔަލެންޑުން 3-0 އިން ކާމިޔާބުކުރީ ކަޅު އަތްއަޅުވާ އަޅައިގެންނެވެ. އެ މެޗު ކުޅުމާ މެދު ކުޅުންތެރިންގެ މެދުގައި ގިނަ ވަގުތުތަކެއް ވަންދެން ބަހުސްކުރި ކަމަށާއި، ބަޒޫނޫ ޓީމު ދޫކޮށް ދިއުމުން ނެގި ވޯޓުގައި ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ކުޅެން ކަމަށް އެފްއޭއައިގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކޫރެލް ވިދާޅުވިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ވޯޓު ނިމުނީ 14-8 ގެ ނަތީޖާއަކުންނެވެ. އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑަށް ބަޒޫނޫގެ އިތުރުން، މަންމަގެ ފަރާތުން އިޒްރޭލުގެ ނަސްލަށް ނިސްބަތްވާ ފިން އަޒާޒް ވެސް ވަނީ އަލުން ނަގާފައެވެ.

ފަލަސްތީނުގެ ހައްގުގައި އަޔަލެންޑުގެ އާންމުންގެ މެދުގައި ބޮޑު ތާއީދެއް އޮތުމާއެކު، އިޒްރޭލާ ދެކޮޅަށް ނުކުޅުމަށް ޓީމަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފްއޭއައި އިން މި ގޮވާލުންތަކަށް ދެކޮޅުހަދަމުންދަނީ މެޗު ބޮއިކޮޓް ކޮށްފިނަމަ ޔޫއެފާއިން އަޅާފާނެ އަދަބުތަކަކަށް ބިރުންނެވެ. އިނގިރޭސިވިލާތާއި ވޭލްސް އަދި ސްކޮޓްލެންޑާ ގުޅިގެން 2028 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ބޭއްވުމުގެ ފުރުސަތު އަޔަލެންޑަށް ލިބިފައިވާއިރު، އެ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުން އިޒްރޭލް ސަސްޕެންޑް ކުރުމަށް ޔޫއެފާއަށް ހުށަހެޅުމެއް ވެސް ހުށަހަޅާފައެވެ.