ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މި ދައުރުގެ މެނިފެސްޓޯގައި ހިމެނޭ "ގޭދޮށު އިންޖީނުގެ" މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ ކަރަންޓު ބިލު %50 ކުޑަކުރެވި، ފަސް އަހަރު ފަހުން ހިލޭ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރު މިކަން ހާމަކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްގެންދިޔަ އިންވެސްޓް ފޯރަމްގައި އެ މަޝްރޫޢު ހުށަހަޅުއްވައިދެއްވަމުންނެވެ.

Ad
rt

މި މަޝްރޫޢު އެކުލަވައިލަން ޖެހުނު މައިގަނޑު ސަބަބުތައް ބަޔާންކުރައްވަމުން މޭޔަރު ވިދާޅުވީ، ރައްޔިތުންނަށް ބަރޯސާވެވޭ ހަކަތައެއް ނުލިބުމާއި، ހަކަތައަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ މިފަދަ ފިޔަވަޅެއް އަޅަންޖެހުނު މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުން ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްތަކަށް ލާޒިމްކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތިންވަނަ ފަރާތަކުން ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދޭނަމަ، އެ ފަރާތަކާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފެނަކައިން އެކަމަށް އިންކާރުކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ކައުންސިލާ ދެކޮޅަށް ނިމުމާ ގުޅިގެން، ރައްޔިތުންނަށް އިތުރު ޙައްލެއް ހޯދައިދޭން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭބަހުޑް ޕަވަރހައުސް" ނުވަތަ "ގޭދޮށު އިންޖީނުގެ" މަޝްރޫޢުގެ އޮނިގަނޑު ތަފްޞީލުކޮށްދެއްވަމުން ޢާޠިފް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އަމިއްލަ ގޭގޭގެ ފުރާޅުތައް ބަދަލުވެގެންދާނީ އިންޖީނުގެތަކަކަށް ކަމަށެވެ. އެގޮތުން ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކޮށް، ހައިބްރިޑް ނިޒާމެއްގެ ތެރެއިން ބެޓެރީ ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. މި ނިޒާމުގެ ސަބަބުން ވަކިވަކި ގެތަކަށް ނުވަތަ ބްލޮކްތަކަށް ބޭނުންވާ ކަރަންޓު އެ ބްލޮކެއްގެ ފުރާޅުތަކުން އުފައްދައި، އިތުރުވާ ކަރަންޓު ވިއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

''މި މަޝްރޫޢުގައި އަމިއްލަގޭ ފުރާޅު ބަދަލުވަނީ އިންޖީނުގެއަކަށް، އަމިއްލާ ގޭ ފުރާޅުގައި ސޯލާ ޖަހަނީ ދެން ހައިބްރިޑް ނިޒާމެއްގެ ތެރެއިން ބެޓެރީ ސިސްޓަމެއް އިންސްޓޯލް ކުރަނީ، ކޮށްފައި އެ ގެއަށް ނުވަތަ އެ ބްލޮކަކަށް ބޭނުންވާ ކަރަންޓް އެ ބްލޮކެއްގެ ފުރާޅުތަކުން އުފައްދާފައި އިތުރުވާ އަދަދު ވިއްކޭގޮތަށް އަޅުގަނޑުމެން މަޝްރޫޢު ފޯމިއުލޭޓް މިކުރަނީ،'' މޭޔަރު ވިދާޅުވެފަވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މާލީ ލުއިތަކާ ގުޅޭގޮތުން ޢާޠިފް ވިދާޅުވީ، އެ ޕަވަރހައުސްތަކުގެ ޚިދުމަތް ފެށޭ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައްޔިތުމީހާގެ ކަރަންޓު ބިލުން %50 ދަށްވެގެންދާނެ ކަމަށެވެ. އަދި ފަސް އަހަރު ފަހުން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭނީ ހިލޭ ކަމަށާއި، އޭރުން ނަގާނީ ހަމައެކަނި ކުޑަ މެއިންޓެނެންސް ފީއެއް ކަމަށް އޭނާ ހާމަކުރެއްވިއެވެ.

''ދެން ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުމީހާގެ ކަރަންޓް ބިލު ފަންސާސް ޕަސަންޓް އެބަ ދަށްކޮށްލާ ފުރަތަމަ އެ ޕަވަރހައުސް ސްޓާޓްވާ ދުވަހުން ފެށިގެން، ފަސް އަހަރު ފަހުން އަޅުގަނޑުމެން މި ހުށަހަޅަނީ ހިލޭ ކަރަންޓް ފޯރުކޮށްދިނުމަށް، ކުޑަކުޑަ މެއިންޓެނެސް ފީއެއް އަޅުގަނޑުމެން ރައްޔިތުން އަތުން ނަގާނީ ފަސް އަހަރު ފަހުން،'' މޭޔަރު ވިދާޅުވެފަވެއެވެ.

ކުޅުދުއްފުށީ ސިޓީގެ މާކެޓަށް ބަލާއިރު އެ ސިޓީގައި 3،000 އަށްވުރެ ގިނަ ގޭބިސީ އެބަހުރި ކަމަށާއި، އެޕާޓްމަންޓްތައް ކަނޑައެޅުމަށްފަހު ވެސް 2،500 އަށްވުރެ ގިނަ ފުރާޅު މި މަޝްރޫޢަށް ލިބޭނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ. މީގެ އިތުރުން ވިޔަފާރިތަކުގެ 400 އަށްވުރެ ގިނަ ފުރާޅު ލިބޭނެ ކަމަށާއި، ހުރިހާ ފުރާޅުތަކެއްގެ ސާވޭ ތަފްޞީލާއި، ފުރާޅުތަކުގެ ޙާލަތު އަދި ވަކިވަކި ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ ތަފްޞީލުތައް އިންވެސްޓަރުންނަށް ފޯރުކޮށްދޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަޝްރޫޢު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާއިރު، ފަސް އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ''ރިޓާން އޮން އިންވެސްޓްމަންޓެއް'' އިންވެސްޓަރަށް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޢާޠިފް ވިދާޅުވިއެވެ. އަދި ފަސް އަހަރު ނިމުމުން، އެ އިންޖީނުގެތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތްތަކާ ޙަވާލުވާނީ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.