ރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި، "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/16 ޤަރާރަކުންނެވެ.

Ad
rt

މި ކުންފުނި އުފެއްދެވީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށްޓަކައެވެ.

އަލަށް އުފެއްދެވި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ފެސިލިޓީތައް ޤާއިމުކޮށް ހިންގުންވެސް މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައިވެއެވެ.

ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމަށާއި، މުޢާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމަކީވެސް މި ކުންފުނި އުފެއްދެވި މައިގަނޑު އެއް ބޭނުމެވެ.

މީގެ އިތުރުން، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުންވެސް "ނޭޝަނަލް އެކްސްޗޭންޖް" ގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުމަށް މި ކުންފުނިން މަސައްކަތް ކުރާނެއެވެ.