ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅުދުއްފުށީ ރަނާސް ކުލަބުން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކުޅުދުއްފުށި 5ކޭ" ގެ ދެވަނަ ދުވުން ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މާލެއިން އުތުރުގައި ބޭއްވޭ އެންމެ ބޮޑު ރަނިން އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ ހަރަކާތެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި އިވެންޓުގައި 500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށިން ބޭރުން ބައިވެރިވި 100 އަށް ވުރެ ގިނަ ދުވުންތެރިންނާއި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނެއެވެ.
މި އިވެންޓުގައި 5 ކިލޯމީޓަރުގެ މައިގަނޑު ދުވުމުގެ އިތުރުން "ފަން މައިލް" ދުވުން ވެސް ވަނީ ބާއްވާފައެވެ. އިވެންޓުގެ ޚާއްސަ މެހުމާނެއްގެ ގޮތުން ރަނިންގ މޯޑް އެތްލެޓިކްސްގެ ފައުންޑަރ އަދި ކޯޗު މުޙައްމަދު ރަޝީދު (ރަނިންގ މޯޑު) ބައިވެރިވެވަޑައިގެން، ދުވުންތެރިންނަށް ވަނީ ހިތްވަރު ދެއްވާފައެވެ.
"ކުޅުދުއްފުށި 5ކޭ" ގެ ދެވަނަ ދުވުމުގެ ފިރިހެން ބައިން ވަނަތައް ހޯދި އެތުލީޓުން، ފޮޓޯ: ކުޅުދުއްފުށީ ރަނާސް
ފޯރިގަދަ މި ދުވުމުގެ 5 ކިލޯމީޓަރުގެ ފިރިހެން ބައިން އެއްވަނަ ހޯދީ އިބްރާހީމް އާދަމް އެވެ. މި ބައިން ދެވަނަ ޢަބްދުﷲ އާދަމް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ޙުސައިން މުޙައްމަދެވެ.
"ކުޅުދުއްފުށި 5ކޭ" ގެ ދެވަނަ ދުވުމުގެ ފިރިހެން ބައިން ވަނަތައް ހޯދި އެތުލީޓުން، ފޮޓޯ: ކުޅުދުއްފުށީ ރަނާސް
އަންހެން ބައިގެ އެއްވަނަ ސާއިލާ އާދަމް ހޯދިއިރު، ދެވަނަ ހޯދީ އާމިނަތު އީލާފު ޙަސަން އެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިޝަތު ސަމްހާއެވެ. ވަނަތަކަށް ދިޔަ ދުވުންތެރިންގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.
ކުޅުދުއްފުށީ ރަނާސް އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާކޮށް މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!