ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށާއި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެފަދަ 416 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ބާކީނުވެ، ޢިއްޒަތާއި ޤަދަރާއެކު ދިރިއުޅޭ ބަޔަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެއް ކަމަށެވެ.
މި ތަޞައްވުރާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދެމުން ދަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށްގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީފާތަކަށް މީހުން ހަމަޖެއްސުމުގެ އިތުރުން، އެ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިވުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، ވަޒީފާގެ މާޙައުލަކީ އެ ފަރާތްތަކަށް ފަސޭހައިން މަސައްކަތްކުރެވޭނެ އެކުވެރި އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ސެންސިޓައިޒޭޝަން ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ ޢަލީ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ވަށާޖެހޭ އުޞޫލަކުން ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިޔުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ.
މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ކަންކަމުގައި ފުރިހަމައަށް ޝާމިލުކޮށް، އެއްވެސް މީހަކު ބާކީނުކޮށް، އިޤްތިޞާދީ ގޮތުން އެމީހުން ބާރުވެރި ބަޔަކަށް ހެދުން ކަމަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!