ހދ. ކުމުންދޫ ގޭގޭގެ ފުރާޅުތަކުގައި ރަނގަޅަށް ދިޔަދޮވި ހަރުކުރަން ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެ ރަށުގެ ބައެއް ގެތަކުގެ މަގުމައްޗަށް ވާގޮތަށް ދިޔަދޮވި ނާޅުވާ ހުރި ފުރާޅުތަކުންނާއި، މަގުމައްޗަށް ވާގޮތަށް ހުންނަ ދިޔަދޮވީގެ ހޮޅިތަކުން، ވިއްސާރަ މޫސުމުގައި މަގުތަކަށް ފެންފޭބުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދުގެ ދަށުން، އާންމުންގެ މަސްލަޙަތަށް ގެއްލުންވާ ގޮތަށް ކުރެވޭ އެ ފަދަ ކަންކަމުގެ ސަބަބުން ޤާނޫނީ ގޮތުން ފިޔަވަޅު އެޅިދާނެކަމަށެވެ.
ވުމާއެކު، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނުފައިބާނޭހެން ގޯތިތެރެއަށް ނުވަތަ ފެން ހިންދާ ވަޅުތަކަށް އެޅޭނޭ ގޮތަށް ދިޔަދޮވިތަކާއި ހޮޅިތައް، 2026 ނޮވެންބަރު 30 ގެ ކުރިން އެކަންކަން އިޞްލާޙުކޮށްދެއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މީގެއިތުރުން، އިސްލާމްދީނަކީ އަނެކުންނަށް އުނދަގޫވާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އަމުރު ކުރައްވާފައިވާ މަތިވެރި ދީނެއްކަމަށާއި، ތިމާގެ ގޭގެ ސަބަބުން މަގުމަތީގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް އުނދަގޫ ފޯރުމަކީ އިސްލާމީ ރިވެތި އަޚްލާޤާ ޚިލާފު ކަމެއްކަން ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!