ގއ. ދެއްވަދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގއ. ކޮލަމާފުށީ ޒުވާން ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ.

Ad
rt

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ސާއިފް ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ދެއްވަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، އޭނާއާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ދެއްވަދޫ ބަނދަރު ސަރަހައްދުންނެވެ.

ފުލުހުން ބުނީ، އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާއާއި އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފޮއިލްކޮޅެއް ފެނިފައިވާ ކަމަށެވެ. މީގެއިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދަޅެއްވެސް އެ ސަރަހައްދުން ފެނިފައިވެއެވެ.

މި މައްސަލައިގައި އޭނާގެ އަތުންނާއި އޭނާ ހުރި ސަރަހައްދުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރިއަށްގެންދަމުންނެވެ.