އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދައުވާގެ ތެރެއިން އެންމެ ދައުވާއެއް ފިޔަވައި ހުރިހާ ދައުވާއެއް އެ ކްލަބުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް "ދި އެތުލެޓިކް" އިން ރިޕޯޓުކޮށްފިއެވެ.
ކަންކަން އެނގޭ ފަރާތްތަކާ ހަވާލާދީ ދި އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ހުކުރު ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލައިގައި ސިޓީއަށް ދޭނެ އަދަބެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެ ކްލަބުން މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.
މި މައްސަލައިގައި ސިޓީއަށް ދެވިދާނެ އަދަބުތަކުގެ ތެރޭގައި ޕޮއިންޓް އުނިކުރުމާއި، މާލީ ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ކްލަބުން ހޯދާފައިވާ ތަށިތައް އަތުލުމާއި ޕްރިމިއާ ލީގުން ރެލިގޭޓްކުރުން ނުވަތަ ދަށް ދަރަޖައަކަށް ފޮނުވާލުން ހިމެނެއެވެ. މިފަދަ ބޮޑު އަދަބެއް ދީފިނަމަ، އެ ކްލަބުގެ މަޝްހޫރު ކުޅުންތެރިން، ހާއްސަކޮށް ނުރައްކާތެރި ފޯވާޑް އާލިން ހާލަންޑް ފަދަ ކުޅުންތެރިންގެ މުސްތަގުބަލާމެދު ސުވާލު އުފެދޭނެއެވެ. މީގެއިތުރުން، ސިޓީން ގަވާއިދާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދާފައިވާތީ، އެހެން ކްލަބްތަކުން ތަށިތައް އަތުލުމަށާއި ބަދަލު ހޯދުމަށް އެދުމުގެ ފުރުސަތުވެސް އެބައޮތެވެ.
ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދައުވާގެ ތެރެއިން 80 ދައުވާއަކީ 2009 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނާ ދައުވާތަކެވެ. އަދި ބާކީ 35 ދައުވާއަކީ ޕްރިމިއާ ލީގުން ހިންގި ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ދައުވާތަކެވެ. މި ދައުވާތައް އުފަންވެފައިވަނީ 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ "ޑާ ސްޕީގަލް" އިން އާންމުކުރި ލީކުވި ލިޔެކިޔުންތަކަކުންނެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔޫއޭއީގެ ދައުލަތުގެ އެއާލައިން އިއްތިހާދު އަދި ޓެލެކޮމް ކުންފުނި އިއްތިސާލާތު މެދުވެރިކޮށް ލިބުނު ސްޕޮންސަރުގެ އާމްދަނީ، ޝެއިޚް މަންސޫރުގެ އަބޫދާބީ ޔުނައިޓެޑް ގްރޫޕުން ސީދާ ކުރި އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި އޮޅުވާލައިގެން ސިޓީން ވަނީ އިތުރުކޮށްފައެވެ. އަދި އެ ދުވަސްވަރުގެ މެނޭޖަރު ރޮބާޓޯ މަންޗީނީއަށް އަބޫދާބީގެ ކްލަބަކުން ކޮންސަލްޓެންސީ ފީގެ ގޮތުގައި ސިއްރިއްޔާތުގައި ފައިސާ ދައްކާފައިވާ ކަންވެސް އެ ލިޔުންތަކުން ހާމަވެއެވެ.
މި ތުހުމަތުތައް ދޮގުކުރަމުން ސިޓީގެ ތަރުޖަމާނަކު ބުނީ، ޕްރިމިއާ ލީގުގެ މައްސަލަ ބެލުމުގެ މަރުހަލާ އަދިވެސް ކުރިއަށްދާ ކަމަށާއި، ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމާއެކު ސިއްރު ހިފެހެއްޓުމުގެ އުސޫލުތައް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން ސިޓީގެ މޫގިފަކީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ކްލަބުން ނެރުނު ބަޔާނާ އެއްގޮތް މޫގިފެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕްރިމިއާ ލީގުގެ ބޯޑުން ވަކިފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅާނެ ކަމުގެ އިތުބާރާއެކު، ފާއިތުވި އަށް އަހަރު ދުވަހު ކްލަބުން ޤާނޫނީ މަރުހަލާތަކަށް ފުރިހަމައަށް އިހުތިރާމްކޮށްފައިވާނެ ކަމަށް ސިޓީން ބުނެއެވެ. ސިޓީން އަބަދުވެސް ބުނަމުންދަނީ އެ ކްލަބުގެ ކުށެއްނެތްކަން ސާބިތުކޮށްދޭނެ އެކަށީގެންވާ ވަރުގަދަ ހެކިތަކެއް އެބަހުރި ކަމަށެވެ.
ޔޫއޭއީގެ ރޯޔަލް ފެމިލީގެ މެންބަރު ޝެއިޚް މަންސޫރު ބިން ޒާޔިދު އަލް ނަހްޔާން 2008 ވަނަ އަހަރު ސިޓީ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ކްލަބު ވަނީ ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ބާރަށް ބަދަލުވެފައެވެ. ސިޓީން ހޯދާފައިވާ 10 ލީގު ތަށީގެ ތެރެއިން އަށް ތަށި ހޯދާފައިވަނީ ފާއިތުވި 15 ސީޒަނުގެ ތެރޭގައެވެ. އަދި 2023 ވަނަ އަހަރު އެ ކްލަބުން ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެކުރިން ޔޫއީއެފްއިން ސިޓީ ދެ އަހަރަށް ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރި ނަމަވެސް، 2020 ވަނަ އަހަރު ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސް (ކޭސް) އިން ވަނީ އެ ނިންމުން ބާތިލްކޮށްފައެވެ. އެފަހަރު ކޭސް އިން ނިންމީ ސްޕޮންސަރުގެ އާމްދަނީ ބޮޑުކޮށް ދެއްކި ކަމަށް ބުނާ ތުހުމަތުތައް ސާބިތުނުވާ ކަމަށާއި، ފަސް އަހަރުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ޕްރިމިއާ ލީގުގެ މައްސަލައިގައި މުއްދަތު ހަމަވުމުގެ އުސޫލެއް ނޯވެއެވެ.
ނިމިދިޔަ 2023/24 ސީޒަނުގައި ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ ގަވާއިދާ އެންމެ ފަހަރަކު ހިލާފުވުމުންވެސް އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓުގެ ޕޮއިންޓްތަކެއް ވަނީ އުނިކޮށްފައެވެ. އެހެންކަމުން ސިޓީގެ މައްޗަށް 114 ދައުވާ ސާބިތުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އެ ކްލަބަށް އަންނާނެ އަދަބަކާމެދު މުޅި ފުޓުބޯޅަ ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!