ކުޅުދުއްފުށި ސިޓީ ކައުންސިލަށް ތަޖުރިބާ ހާސިލުކުރުމުގެ ދަތުރެއްގައި އެ ރަށަށް ޒިޔާރަތްކުރި އއ. އުކުޅަހު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މޯޓިވޭޝަނަލް ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މައިންޑްފީލްޑްސް އިންކް ގުޅިގެންނެވެ. މި ހަރަކާތް ކުރިއަށް ދިޔައީ 'ޑްރީމިންގ ހައި ވިތު މުޙައްމަދު މިސްތޯޙް' ގެ ނަމުގައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ސެޝަންގައި މުޙައްމަދު މިސްތޯޙް ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާގެ އަލީގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ދިރިއުޅުމުގައި ދިމާވާ އެކި ނާކާމިޔާބީތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ސެޝަންގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވެއެވެ.
އޭގެ އިތުރުން، ދިރިއުޅުމުގެ ތެރެއިން ލިބޭ އެކިއެކި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ސެޝަންގެ ތެރެއިން މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
މި ސެޝަނަކީ އއ. އުކުޅަހު ކައުންސިލުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ކުރި ތަޖުރިބާ ހާސިލުކުރުމުގެ ދަތުރުގެ ތެރެއިން، ދެ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މުވައްޒަފުންގެ ކުރިއެރުމަށް މިފަދަ އަގުހުރި ސެޝަނެއް ނަންގަވައިދެއްވި ކަމަށްޓަކައި ކައުންސިލްގެ ފަރާތުން ވަނީ މުޙައްމަދު މިސްތޯޙަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އުކުޅަސް ކައުންސިލުން ކުޅުދުއްފުށި ސިޓީއަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ފެސިލިޓީތަކާއި، އިމާރާތްތައް އަދި ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކޮށް މައުލޫމާތާއި ތަޖުރިބާ އެއްކޮށްފައިވާއިރު، މި ދަތުރުގެ ތެރެއިން ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވަނީ ސިޓީ ކައުންސިލްގެ މަސައްކަތްތައް ރާވާ ހިންގާގޮތާއި، މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންކުރައްވާ އުކުޅުތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އުކުޅަހު ކައުންސިލާއި ހިއްސާކޮށްފައެވެ.
އުކުޅަހު ކައުންސިލްގެ މި ތަޖުރިބާ ދަތުރުގައި އުކުޅަސް ކައުންސިލްގެ ރައީސް، ނައިބު ރައިސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް އަދި އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!