އެމެރިކާއިން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބުލީކުރުންތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުމުގެ އުސޫލަށް އެ ގައުމުން ދީލައެއް ނުލާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އދ. ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާއާއި ދޭދޭ ވާހަކަތަކަށް އީރާނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، މަޖުބޫރުކުރުވައިގެން ކަންކަން ކުރުވުމުގެ ބަސްމަގު އީރާނުން ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ވަސީލަތްތައް ބޭނުންކުރުމުގެ އުފަންދަނިވި ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި އެ ހައްގު ދޫކޮށްނުލާނެ ކަމަށް ވިދާޅުވިއެވެ. އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންވަނީ އީރާނުގެ ނިކަމެތި، ފަގީރު އަދި ބަލިމަޑުކަމުގައިވާ މައުސޫމް ރައްޔިތުންނަށް ކަމަށާއި، އެމެރިކާއިން މަސައްކަތް ކުރަނީ އަމިއްލަ ޣައިރުގާނޫނީ މަގުސަދުތައް ހާސިލުކުރުމަށް ގައުމެއްގެ އާބާދީ ގުރުބާންކުރަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރު ހުރި ނަމަވެސް އެ ގައުމަކީ ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަން މުއާހަދާގެ ބައިވެރިއެއް ނޫން ކަމަށާއި، އެ ގައުމު އިންސްޕެކްޓް ނުކުރާއިރު އީރާނަށް އިންސްޕެކްޓަރުން ފޮނުވުމަށް އެދެމުންދާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރައްސާރައާއި އެކުލެވޭ މަކަރަށް ޕެޒެޝްކިއާން އަލިއަޅުވާލެއްވިއެވެ.

އެމެރިކާއާއި އިސްރާއީލުގެ އެންމެ ފަހުގެ ނުރައްކާތެރި ހަތިޔާރުތަކުން އީރާނަށް ހަމަލާތައް ދިން ނަމަވެސް، އީރާނުގެ ރައްޔިތުން ސާބިތުކަމާއެކު ތިބި ކަމަށާއި، އީރާނުން ދިފާއުވީ އެންމެ ފުރިހަމަ ބާރާއެކު ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ. އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އީރާނުގެ ޔުނިވަސިޓީތަކަށާއި ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް އަދި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިން އިރު، އީރާނުން ދިން ރައްދު ހަމަލާތަކުގައި އެއްވެސް އާންމު ރައްޔިތަކަށް އަމާޒުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.