ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރު ސަރަޙައްދުގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް، ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބޮޑުތިލަ ސީފުޑް އިން ސޮއިކޮށްފިއެވެ.
އެ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް އެޅުމަށް ދޫކޮށްފައިވަނީ 3334.68 އަކަފޫޓުގެ ބިމެކެވެ. މި ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވަނީ މަހަކު 4,300 ރުފިޔާގެ މަހު ކުއްޔަށެވެ.
މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އައިސް ޕްލާންޓް ޤާއިމުކޮށް، ޚިދުމަތް ފަށަންޖެހޭނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ބޮޑުތިލަދުންމައްޗަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ޚާއްސަކޮށް ބޮޑުކަންނެލި މަސްވެރިކަން ކުރާ ސަރަޙައްދަކަށް ވުމާއެކު، ކުޅުދުއްފުށި ސިޓީގައި އައިސް ޕްލާންޓެއް ޤާއިމު ކުރުމުން، މިހާރު ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ އައިސް ނުލިބުމުގެ މައްސަލަތައް ޙައްލުވެގެންދާނެއެވެ.
އެ ގޮތުން، އައިސް ހޯދުމަށް ދުރު ރަށްރަށަށް ކުރަން ޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، ދޯނިފަހަރު ބަނދަރުގައި ކިޔުގައި ތިބެންޖެހޭ މައްސަލަ ޙައްލުވެ، މަހުގެ ތާޒާކަން ހިފެހެއްޓި، ފެކްޓްރީތަކުން، ކަންނެލި ރިޖެކްޓް ކުރާ މިންވަރު މަދުވާނެއެވެ.
މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ސަރަޙައްދުގެ އިޤްތިޞާދީ އަދި މަސްވެރިކަމުގެ ޙަރަކާތްތަކަށް ބޮޑު ދިރުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޤަބޫލުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!