މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ މުބާރާތުގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮއްފައިވާއިރު ސެމީ ފައިނަލްގެ މެޗުތައް މިއަދު ހަވީރު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޓީމުތަކުގެ ތެރެއިން 13 ޕޮއިންޓާއެކު ރޯނު ކަނބަލުން ތާވަލުގެ އެއްވަނައިގައި ހިމެނިފައިވާއިރު، ފިރިހެން ޑިވިޜަނުން ތާވަލުގެ އެއްވަނައަށް ގޮސްފައިވަނީ 15 ޕޮއިންޓާއެކު ރޯނު އެފްސީއެވެ.

Ad
rt

މުބާރާތުގެ ސެމީފައިނަލުގައި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ރޯނު އެފްސީ އާއި ޗެލެންޖާސް އެސްސީއެވެ. އެއަށްފަހު ދެ ވަނަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ، ދަގަތަ އެސްސީއާއި ރާޅެވެ.

މީގެއިތުރުން މުބާރާތުގެ ސެމީފައިނަލުގައި އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ރޯނު ކަނބަލުންނާއި، ދަގަތަ އެފްސީއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޒައިޒީ ޗެލެންޖާސް އާއި އިހްވާން އެސްސީއެވެ.

އިއްޔެ ކުޅުނު ރޯނު އެފްސީ އަދި ޗެލެންޖާސް އެސްސީގެ މެޗުގައި 5-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޯނު އެފްސީގެ ޒިދާން އަޙުމަދެވެ.

މީގެއިތުރުން އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ދަގަތަ އެފްސީއާއި ރޯނު ކަނބަލުންނެވެ. މި މެޗު ރޯނު ކަނބަލުން ކާމިޔާބުކޮށްފައިވަނީ 6-1ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޯނު ކަނބަލުންގެ މަރިޔަމް ނޫރާއެވެ. މި މެޗުގައި ވެސް ނޫރާ ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮއްފައެވެ.

މި މުބާރާތުގައި މިހާތަނަށް ޖުމްލަ 30 މެޗު ކުޅެފައިވާކަން ފާހަގަ ކުރެވެއެވެ. މި މުބާރާތުގެ ފައިނަލް މެޗުތަކާއި ނިންމުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.