މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެކަމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުންދާތާ ތިން އަހަރުފަހުން 2019 ވަނަ އަހަރު އެވެ.

Ad
rt

އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކަނޑައެޅީ އިރުފާންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ޝަރީއަތުގެ ރިޕޯޓް ކޯޓުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި އިރުފާން ހައްޔަރުކުރީ 2019 ވަނަ އަހަރު ގދ. ތިނަދޫން ފުރައިގެން ދަތުރުކުރި ލޯންޗެއް ތެޔޮ ހުސްވެ ހާލުގައިޖެހިގެން ތިނަދޫ އަށް ގެންދިޔައިރު އިރުފާން ލޯންޗު ތެރޭގައި އިންކަން ފުލުހުންނަށް އެނގުމުންނެވެ.