މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި މަހުގެ 21 އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގަންނަވައެވެ.

Ad
rt

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު، ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމާ ބެހޭގޮތުންނެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމާ ބެހޭގޮތުން ވެސް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ހަލާކުވަމުންދާ މުރަކައާއި ފަރުތައް އިޔާދަކުރުމުގެ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން ވެސް ޚާއްޞަ މަޢުލޫމާތުތަކެއް ހިއްސާކުރެވޭނެއެވެ.

މި ޓްރެއިނިންގގައި ކަމާގުޅޭ އެކި އިދާރާތަކުން ޖުމްލަ 51 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމަންޓް އެންޑް އެނާރޖީ، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހައިނާން ޔުނިވަސިޓީގެ ބޭފުޅުން، މަސްވެރިކަމާ ބެހޭ ވުޒާރާގެ މެރިކަލްޗަރ ދިރާސާކުރާ ރަށް ކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރާއި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާރޓްނަރޝިޕްގެ ދަށުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ، ހުނަރުވެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.